ޚަބަރު

ފިޔާ ޝިޕްމަންޓާއެކު އަޑިއަށްދިޔަ ބޯޓުން ކަނޑުވި މީހުން ސަލާމަތްކޮށްފި


ފިޔާ ބަރުކޮށްގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ "އެމްއެސްވީ އާކް އޮފް ގޯޑް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓްގައި ތިބި މީހުން ކަނޑުވެފައި ތިއްބައި، އެހެން ބޯޓަކަށް ނަގާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެބޯޓު އަޑިއަށްދިޔައިރު، އޭގައި 9 މީހުން ތިބިކަމަށާ އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑިއެފުން ވިދާޅުވެއެވެ.

މި 9 މީހުން ކަނޑުވެފައި ތިއްބައި، ނަގާފައިވަނީ މާލެއިން ފުރައިގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ދަތުރުކުރަމުންދިޔަ ރާއްޖޭގެ ބޯޓެއް ކަމުގައިވާ "ވީބީ ޕްރޮގްރެސް" ނަމަކަށް ކިޔާ ބޯޓަކަށެވެ. އަދި މި ބޯޓު ކަނޑުމަތިން ނެގި މީހުންނާއެކު މިހާރު ދަތުރުކުރަމުންދަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ވަނުމަށް ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިބޯޓާއެކު، އިންޑިއާ ކޯސްޓްގާޑުގެ އުޅަނދެއްވެސް ޙަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ބޯޓު އަޑިއަށްދިޔަ ވަކި ސަރަޙައްދެއް އަދި މިހާތަނަށް ސާފުވެފައި ނުވާކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އަޑިއަށްދިޔަ ބޯޓަކީ، "މިޑް ސީ ޝިޕިންގ ޕްރައިވެޓް ލިމިޓެޑް" ގެ އެޖެންޓްކަމުގެ ދަށުން ދުއްވަމުން ދިޔަ ބޯޓެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އަޑިޔަށްދިޔަ ސަޕްލައިޔަރ ބޯޓުގައި އެސްޓީއޯގެ 1500 ކިލޯ ފިޔާ ހުރިކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.