ވިޔަފާރި

ޗައިނާއާއި އެމެރިކާއިން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަނީ


ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމާ ގުޅޭގޮތުން އަންނަމަހު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ފުރުޞަތު ބޮޑުކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާއާއި ޗައިނާއާ ދެމެދު ކުރިއަށްދާ ވިޔަފާރީގެ މަޝްވަރާތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އަދި ޗައިނާއާއެކު އަންނަމަހު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ފުރުޞަތު ބޮޑެވެފައިވާއިރު، މިއީ މި ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމަ ފެށި ފަހުން މިފަދަ އެއްބަސްވުމެއްގައި ސޮއިކުރާ ފުރަތަމަ ފަހަރެވެ.

ޗައިނާއާއެކު ކުރިއަށްދާ މަޝްވަރާގައި އިސްކޮށް ހަރަކާތްތެރިވާ އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް ރޮބަޓް ލައިހައިޒަރ ވިދާޅުވީ އަންނަމަހު ޗިލީގައި އޮންނަ އޭޝިޔާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން ސަމިޓުގެ ތެރެއިން އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެގޮތުން ކުރަންޖެހޭ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށްވެސް އެމެރިކާގެ މަންދޫބު ވިދާޅުވިއެވެ.
ޗިލީގައި އޮންނަ ސަމިޓުގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ދެ ޤައުމުންވެސް ދަނީ އެ ބައްދަލުވުމުގެ ތެރެއިން އެއްބަސްވުމެއްގައި ސޮއިކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ވައިސް ފޮރިން މިނިސްޓަރ ލީ ޔުޗެންގވެސް ވިދާޅުވީ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އަދި އެއް ބަޔަކު އަނެއް ބަޔަކަށް އިޚްތިރާމްކުރާނަމަ ކޮންމެ މައްސަލައެއްވެސް ޙައްލު ކުރެވޭނެކަމަށް ޗައިނާގެ ވައިސް ފޮރިން ވިދާޅުވިއެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށް، ވިޔަފާރީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތްކުރަމުންދާއިރު، ދުނިޔޭގެ މާލީ އިދާރާތަކުންވެސް ދަނީ އެކަމަށް ބާރު އަޅަމުންނެވެ. އެއީ އެކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީއެވެ.