ކުޅިވަރު

މާޒިޔާއިން އެއްވަނައިގައި 5 ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިލަންދޫ ސްޕޯޓްސް ކްލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އަނެއްކާވެސް ތާވަލުގެ އެއްވަނައިގައި 5 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާ އަށް 11 މެޗުން ވަނީ 26 ޕޮއިންޓު ލިބިފައެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 11 މެޗުން ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. ފުލުން ދެވަނައިގައި އޮތް ނިލަންދުއަށް 11 މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު މާޒިޔާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ޝަރީފް އެވެ. އޭގެ ފަހުން މާޒިޔާގެ ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ކުޑައިރުކޮޅަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ކޯނެލިއަސް ސްޓެވާޓް އެވެ.

ނިލަންދޫގެ ފަރާތުން ދެވަނަ ހާފުގެ ކުރީކޮޅު ފުދޭ ވަރަކަށް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އެޓީމުން މާޒިޔާގެ ގޯލަށް ފޮނުވާލި ހަމަލާތައް ލަނޑަކަށް ބަދަލެއްނުވި އެވެ. ނިލަންދޫން ރަނގަޅަށް ކުޅެމުން ދަނިކޮށް 64 ވަނަ މިނެޓުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ ލަނޑެއް ޖަހައި އެޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. އަދި އޭގެ މިނެޓެއް ހަމްޒާ މުހައްމަދު މާޒިޔާގެ ހަތަރުވަނަ ލަނޑު ޖެހިއިރު ފަސްވަނަ ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ ހުސެއިން އެވެ.

މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ އެހެން ޓީމުގެ ނަތީޖާތަކަށް ނުބަލާނެ ކަމަށާއި މާޒިޔާ އިން އަބަދުވެސް ވިސްނާނީ އެ ޓީމުގެ ކޮންޓްރޯލްގައި އޮންނަ ކަންތައްތަކަށް ކަމަށެވެ. ނިލަންދޫ އަތުން މޮޅުވި މުޅި މެޗަށް ބަލާއިރު ފެނިގެންދިޔައީ މާޒިޔާގެ ލެވެލްގެ ކުޅުމެއް ނޫން ކަމަށާއި އެ ކަންތައްތައް ރަނގަޅުކުރަން ޖެހޭ ކަމަށް ވެސް ބުންޏެވެ.

"ފުރަތަމަ ހާފްގައި ދަށްކޮށް ކުޅުނުއިރު ހަތެއް ނޫނީ އަށް ފުރުސަތު ލިބިގެން ދެ ގޯލު ޖެހުނީ. ދެ ވަނަ ހާފްގައި ކުޑަކޮށް ރަނގަޅަށް ކުޅެފައި އަނެއްކާ ވެސް ހަތެއް ނޫނީ އަށް ފުރުސަތު ގެއްލުވާލި ފަހުން ތިން ގޯލު މި ޖެހުނީ. އަހަރެމެން 5-0 އިން މޮޅުވީމަ އަހަންނަށް މި ސްކޯ ރަނގަޅުވިޔަސް ކުޅުމާ މެދު ހިތްހަމަޖެހެވެން ނެތް." ސެކުލޮސްކީ ބުންޏެވެ.

ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ އާންމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ހަ ވަރަކަށް ކުޅުންތެރިން ނުލައި އެ ޓީމުން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި އެހެން ނަމަވެސް ނުކުތް ނަތީޖާ ދިޔައީ ބޭނުންވި ގޮތަށް ނޫން ކަމަށެވެ. ފެސްކޯ ބުނީ މިއަދު ޓީމު ހަމަކުރެވިގެން މެޗު ކުޅެވުނީތީ ވެސް އުފާކުރާކަމަށާއި މެޗު ފެށެން ދެ ގަޑިއިރެއްހާއިރަށްވީއިރު ވެސް ތިބީ ހަތް ވަރަކަށް ކުޅުންތެރިން ކަމަށެވެ. އަދި ބައެއް ކުޅުންތެރިން ވަޒީފާގައި ހުއްޓައި ގެނެސް ޓީމު ހަމަކޮށްގެން އެ ފަދަ ހާލަތެއްގައި ކުޅެގެން މި ނަތީޖާ ރަނގަޅު ކަމަށް ފެސްކޯ ބުންޏެވެ.

"އަޅުގަނޑު ޕާސަނަލީ އެކްސްޕެކްޓް ކުރިން ޑްރޯ އަކަށް. އެ ކަހަލަ ގޭމަކަށް. އެގޮތަށް ވިސްނައިގެން ކުޅެންމުން ދަނިކޮށް އަޅުގަނޑުމެންނަށް ލިބޭ ޗާންސް ނުޖެހިގެން އަނެއްކޮޅަށް ވަދެފައި މީނީ. އެހެންވީމަ ނަތީޖާ މިހިން ފެނުނު ކަމަށް ވިޔަސް ކުޅުމާ މެދު ހިތްހަމަ ޖެހޭ،" ފެސްކޯ ބުންޏެވެ.

ދިވެހި ޕްރިމިއަރ ލީގުގައި މެޗުތައް ދެން ކުޅޭނީ އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހެވެ. އެގޮތުން ހުކުރު ދުވަހުގެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާއި ށ.ފޯކައިދޫއެވެ. އަދި ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުގައި ނިލަންދުއާއި ވިކްޓްރީ ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އެެއްވަނައިގައި އޮތް މާޒިޔާއާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.