ތުރުކީވިލާތުން ސޫރިޔާގެ އުތުރުގައި ހިންގަމުންދިޔަ އަސްކަރީ ޙަރަކާތް ހުއްޓާލުމަށް އެމެރިކާއާއެކު ވެވުނު އެއްބަސްވުން ދެމިއޮންނާނެތޯ ސުވާލުއުފެދިއްޖެއެވެ. މިފަދަ ސުވާލުތައް ކުރެވޭ އެންމެބޮޑު އެއް ސަބަބަކީ އެމެރިކާގެ އެދުމަށް ކުރުދީ ހަނގުރާމަވެރިން ތުރުކީވިލާތުގެ ބޯޑަރާވީ ހިސާބުން 30 ކިލޯމީޓަރު ފަހަތަށް ޖެހިދާނެކަން ޔަޤީންނުކުރެވޭތީއެވެ.
ތުރުކީވިލާތުން ބޭނުންވާ ޙަމަލާބަދަލުކުރުން މަނާ ސަރަޙައްދު ޤާއިމުކޮށް ސޫރިޔާގެ ރެފިއުޖީން އެތަނުގައި ވަޒަންވެރިކުރުވޭނީ ކުރުދީންގެ ހަތިޔާރުއެޅި ގުރޫޕްތައް އެތަން ދޫކޮށްދިޔަ ދުވަހަކުންނެވެ. ތުރުކީވިލާތުން ބޭނުންވާ ފަދައިން އެމެރިކާއަށް އެކަން ނުކޮށްދެވިއްޖެނަމަ އަލުން ހަނގުރާމަ ފަށާނެކަމުގެ އިންޒާރު ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާންވަނީ ދެއްވާފައެވެ.
ފަސް ދުވަހުގެ މުއްދަތަށް ޙަމަލާބަދަލުކުރުން ހުއްޓާލަން ތުރުކީވިލާތާއި އެމެރިކާއިން ވެފައިވާ އެއްބަސްވުން ދާއިމީ ޞުލްޙައެއްގެ ގޮތުގައި އޮތުމަށް އެތަކެއް ބައިނަލްއަޤްވާމީ ފަރާތްތަކުން ބޭނުންވެއެވެ. މިކަމުގައި ދެ ޤައުމަށްވެސް ތަފާތު ފިއްތުންތައްދަނީ ކުރިމަތިވަމުންނެވެ.
ޓަރކިޝް ސެންޓަރ ފޮރ އޭޝިއާ ޕެސިފިކް ސްޓަޑީސްގެ ޑިރެކްޓަރ ސެލްޗުކް ކޮލަކޯލޫ ވިދާޅުވީ އެމެރިކާއާއި ތުރުކީވިލާތަކީ ނޭޓޯގެ މެންބަރު ދެ ޤައުމުކަމަށްވެފައި ސަލާމަތީ ކަންކަމާއި ދިފާޢީ އަދި އެހެނިހެން ކަންކަމުގައި ދެ ޤައުމުގެ އެއްބާރުލުން އޮތުމުން މިކަމަށް ކޮންމެވެސް ޙައްލެއްހޯދަންޖެހޭތީ ދެ ޤައުމަށްވެސް ބައިނަލްއަޤްވާމީ ފިއްތުންތައް އެބައޮތްކަމަށެވެ.