ވިޔަފާރި

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އަލަށް އުފެއްދެވި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަނުކުރެއްވި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންއަކީ 7 މުޢައްސާސައެއް އެއް ވިއުގަޔަކުން ގުޅާލުމަށް ހަމަޖެހިފައިވާ ނެޝަނަލް ސިންގަލް ވިންޑޯ ނިޒާމް ހިންގުމަށް ހަމަޖެހިފައިވާ ކުންފުންޏެވެ. ނެޝަނަލް ސިންގަލް ވިންޑޯ ނިޒާމަކީ އިމްޕޯޓް، އެކްސްޕޯޓް އަދި ޓްރާންސިޓް މުދާ ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމަށް ލުއި ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާ ވިއުގައެކެވެ.

ނެޝަނަލް ސިންގަލް ވިންޑޯ ނިޒާމް ހިންގުމަށް ހަމަޖެހިފައިވާ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއަރމަނަކަށް ހަމަޖައްސާފައިވަނީ ޔޫސުފް ރިޒާއެވެ. މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކުރައްވާފައިވަނީ އަހުމަދު ޝިހާމް އަލީއެވެ. 7 ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑަށް މި ދެ ބޭފުޅުންގެ އިތުރުން 4 ޑިރެކްޓަރަކުވެސް އައްޔަންކުރެއްވިއެވެ. އެ ބޭފުޅުންނަކީ ނާހިޔަ މުހައްމަދު، ޝުރުފާ އަބްދުލް ވާހިދު، މަހްމޫދު ރިޔާޒް އަދި މަރިޔަމް ވިޝާމާ އަހުމަދުއެވެ. 6 ބޭފުޅަކު ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑަށް އައްޔަންކުރައްވާފައިވާއިރު، އެބޯޑުގެ ޑިރެކްޓަރުގެ މަޤާމަށް އަދި އެއް ބޭފުޅަކު އައްޔަންކުރައްވަންޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނަކީ ސަރުކާރުގެ ސައްތައިން ސައްތަ ޙިއްޞާ އެކުލެވިގެންވާ ކުންފުންޏެކެވެ.