ޚަބަރު

ކެނެޑާގެ ބޮޑުވަޒީރާއި އޭނާގެ ވާދަވެރިޔާގެ ބަހުގެ ޙަމަލާތަކެއް!


ކެނެޑާގެ ޢާއްމު އިންތިޚާބަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށް ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއާއި އޭނާގެ ވާދަވެރިޔާ އެންޑްރޫ ޝިޔަރ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ޙަމަލާތައް ރައްދުކުރައްވައިފިއެވެ. އޮކްޓޫބަރު މަހުގެ އެކާވީސްވަނަ ދުވަހު ކެނެޑާގެ ޢާއްމު އިންތިޚާބުގައި ވޯޓުލުންފެށުމަށް ހަމަޖެހިފައިވާއިރު ކޭންޕެއިން ޙަރަކާތްތައް މިހަރުވަނީ ނިމުމުގެ މަގުމަތީގައެވެ.

އުމުރުފުޅުން 47 އަހަރުގެ ޖަސްޓިން ޓްރޫޑޯ 2015ވަނަ އަހަރު ކެނެޑާގެ ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެންނެވީ އޭނާގެ ލިބަރަލް ޕާޓީން ޢާއްމު އިންތިޚާބު ކާމިޔާބުކުރުމާ ގުޅިގެންނެވެ. މިދިޔަ 4 އަހަރުގައި ޓްރޫޑޯގެ ސަރުކާރުން ގިނަކަންތައްތަކެއް އިސްލާޙުކޮށް އިޤްތިޞާދީގޮތުން ރަގަނޅު މިސްރާބަކަށް ޤައުމު ގެންދިޔަނަމަވެސް، އެދުވަސްވަރާ އަޅާބަލާއިރު އެކި ސަބަބުތަކަށް ކެނެޑާގެ ޢާއްމުންގެ މެދުގައި ޓްރޫޑޯގެ މަޤްބޫލުކަންވަނީ ކުޑަވެފައެވެ. ޓްރޫޑޯގެ މަޤްބޫލުކަން ކުޑަވެގެންދިޔަ ސަބަބުތަކުގެ ތެރޭގައި އަޚްލާގީ ބައެއް މައްސަލަތައް ހިމެނެއެވެ. ނަމަވެސް މީގެ ސިޔާސީ ފައިދާ ޓްރޫޑޯގެ ވާދަވެރިޔާ އެންޑްރޫ ޝިޔަރގެ ކޮންޒަވޭޓިވް ޕާޓީއަށް ނެގޭނެކަމަށް ބެލެވިފައެއްނުވެއެވެ.

ޚިޔާލު ހޯދުމުގެ ސަރވޭތަކުން ދައްކަނީ ހޯމަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޢާއްމު އިންތިޚާބުގައި ޓްރޫޑޯގެ ލިބަރަލް ޕާޓީއަށްވެސް އަދި އެންޑްރޫ ޝަޔރގެ ކޮންޒަވޭޓިވް ޕާޓީއަށްވެސް މަޖިލީހުގެ އަޣްލަބިއްޔަތު ނުލިބޭނެކަމަށެވެ. މިއާއެކުވެސް ޓްރޫޑޯވަނީ އިންތިޚާބުގެ ނަތީޖާއާމެދު އުންމީދު ބޮޑުކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.