ޚަބަރު

ސޫރިޔާގައި ތިބި އެމެރިކާ ސިފައިން ދެން ފޮނުވުން އެންމެގާތީ ޢިރާޤަށް: އެސްޕަރ


ސޫރިޔާގެ އުތުރުގައި ބާތިއްބާފައިތިބި އެމެރިކާގެ އެއްހާސް ސިފައިން ދެން ފޮނުވުން އެންމެ ގާތީ ޢިރާޤުގެ ހުޅަނގަށްކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕަރ ވިދާޅުވެއްޖެ. އެސްޕަރ ވިދާޅުވީ އެ ސިފައިންގެ މަސައްކަތަކަށް ދެން ވާނީ އައިއެސް ހަނގުރާމަވެރިންގެ ކިބައިން ޢިރާޤު ޙިމާޔަތްކުރުންކަމަށެވެ.

ކުރުދީން އައިއެސްއާއި ހަނގުރާމަކުރުމަށް އެހީވުމުގެގޮތުން އެމެރިކާއިން ސޫރިޔާގައި ބައިތިއްބާފައިތިބި ސިފައިން އެ ޤައުމުން ބާލަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމުން އެކަމަށް އެމެރިކާގެ އެތެރެއިންވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ތުރުކީވިލާތަށް އޮތް ކުރުދީ ހަނގުރާމަވެރިންގެ ނުރައްކާކުޑަކޮށް ސޫރިޔާގެ އުތުރުގެ ސަރަޙައްދަށް ތުރުކީ ސިފައިން ފޮނުވަން އެ ޤައުމުން ނިންމުމުން ރައީސް ޓްރަމްޕްވަނީ ސޫރިޔާގައި ތިބި އެމެރިކާ ސިފައިން އެ ހިސާބުން ދުރަށްގެންގޮސްފައެވެ. އެގޮތަށް ނިންމުމަށްފަހު ޓްރަމްޕް ވިދާޅުވީ ސޫރިޔާގައި އެމެރިކާ ސިފައިން ބޭތިއްބުމަކީ ކުރެވޭވަރަށްވުރެ ޚަރަދުބޮޑުކަމެއްކަމަށެވެ.

މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅު ފައްޓަވަމުން އެސްޕަރ ވިދާޅުވީ ޢިރާޤުގައި އެމެރިކާ ސިފައިން ރުކުރުވާލުމަށް އަދި އެތަކެއް ހަފުތާއެއް ނަގާނެކަމަށެވެ. އެއްގަމާއި ވައިގެމަގުން ސިފައިން ޢިރާޤަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ޢިރާޤުގަށް ފޮނުވާ އެމެރިކާގެ އެއްހާސް ސިފައިންގެ މައިގަނޑު ޢަމާޒަކަށްވާނީ ޢިރާޤު ދިފާޢުކުރުމުގައި އެހީތެރިވުންކަމަށް އެސްޕަރވަނީ ވިދާޅުވެފައެވެ.

އެސްޕަރ މިހެން ވިދާޅުވި ނަމަވެސް އެމެރިކާގެ މަތީ ފެންވަރުގެ އޮފިޝަލުން ވިދާޅުވީ ޢިރާޤަށް ސިފައިން ފޮނުވުމުގެ ޕްލޭން ވަގުތީގޮތުން ނަމަވެސް މަޑުޖައްސާލުން އެކަށީގެންވާކަމަށެވެ.