ކުޅިވަރު

ކުޅުންތެރިން ހަމަނުވުމުން މިއަދުވެސް ވިކްޓްރީ މެޗު ކެންސަލް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީ ކުޅެން ތާވަލްކޮށްފައިއޮތް މެޗަށް ވިކްްޓްރީ ޓީމު ހަމަނުވުން މެޗު ކެންސަލްވެއްޖެއެވެ.

މި މެޗަށް ވިކްޓްރީ ޓީމު ހަމަނުވެ، މެޗު ކުޅެވޭގޮތް ނުވުމުން ޔުނައިޓެޑް ވިކްޓްރީއަށް ތިން ޕޮއިންޓް ލިބޭނެ އެވެ. އަދި ވިކްޓްރީ އަށް އަދަބެއް ވެސް އަންނާނެ އެވެ.

މިއީ ދެ ސީޒަނުގެ ތެރޭ ވިކްޓްރީން މެޗަކަށް ހާޒިރުނުވެ ދިޔަ ފަސްވަނަ ފަހަރެވެ. މިދިޔަ ސީޒަނުގައި ދެ މެޗަށް އަދި މި ސީޒަނުގައި މީގެ ކުރިން ދެ މެޗަށް ހާޒިރުނުވެ ދިޔަ އެވެ. އެގޮތުން ލީގުގައި މިދިޔަ ހަފްތާ ފޯކައިދޫއާއި ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް ވިކްޓްރީ ހާޒިރުވެފައެއްނުވެއެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހުގެރޭ ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅެން ވިކްޓްރީ ހާޒިރުނުވުމުން އެފްއޭއެމުން އެ ޓީމު 40،000ރ. އިން ޖޫރިމަނާކުރި އެވެ. އޭގެ ފަހުން ފ. ނިލަންދޫއާ ދެކޮޅަށް ޓީމު ހަމަކޮށްގެން ނުކުތެވެ. އެކަމަކު އެރޭ ފުރަތަމަ 11 ހަމަކުރީ އެ ޓީމުގެ ބަދަލު ކީޕަރުން ކުޅުންތެރިންގެ ގޮތުގައި ޖަހައިގެންނެވެ.

މި މެޗަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ، މި މެޗަކީ މި ސީޒަނުގައި އޭނާ ޔޫވީގެ ކޯޗުގެ މަގާމުން ފެންނާނެ ފަހު މެޗުކަމަށެވެ. ނަޒީހު ބުނީ މި މެޗަށް ވިކްޓްރީގެ ޓީމު ހަމަވުމަކީ އޭނާއަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނެކަމަށާއި، ސަބަބަކީ މެޗެއް ކުޅުމަށްފަހު މަގާމުން ދުރަށް ޖެހިލަން ބޭނުންވާތީކަމަށެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސްއެވެ.