ޚަބަރު

އެމްޑީއެން ރިޕޯޓްގެ މައްސަލައިގެ ތަޙްޤީޤަށް މީހަކު ހޯދަން ފުލުހުންގެ އިއުލާންކޮށްފި


އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކުން ނެރުނު ރިޕޯޓުގެ މައްސަލައިގައި ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވޭ ހ.ސެލްވޭޝަން ފާޠިމަތު ޢަޛްރާ ނަސީމް، ފުލުހުންގެ ތަހުގީގަށް ޙާޟިރުވުމަށް އަންގައި އިޢުލާންކޮށްފިއެވެ.

ތަޙްޤީޤަށް އަޛްރާ ހާޟިރުވުމަށް ފުލުހުން އިއުލާންކޮށްފައިވަނި އެމްޑީއެން އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި ޝާއިޢުކުރި ރިޕޯރޓްގައި ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ޚިލާފު ވާހަކަދައްކާ، ޢާއްމުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކާފައިވާ މައްސަލައިގައި އޭނާގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަޙްޤީޤަށް ސުވާލުކުރުމަށްކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެންކަމުން އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ 13:00 އަށް މޯލްޑިވްސް ޕޮލިސް ސަރވިސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް ފާޠިމަތު ޢަޛްރާ ނަސީމް ޙާޟިރުވާންޖެހޭނެކަމަށް ފުލުހުންގެ ޢިއުލާންގައިވަނީ އަންގާފައެވެ.

ފުލުހުން ވިދާޅުވީ އެއިދާރާގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް އުމުރުން 47 އަހަރުގެ ފާޠިމަތު ޢަޛްރާ ނަސީމް ޙާޟިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ޙާޟިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ޙާޟިރުވުމަށް ޢަޛްރާއަށް އަންގައި އިޢުލާނުކުރާކަމަށެވެ.

އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަޙްޤީޤަށް ސުވާލުކުރަންޖެހޭ ބައެއް ފަރާތްތަކާއި ސުވާލުކުރުމަށް އެފަރާތްތަކާއި ޗިޓް ހަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލަ ބެލުމުގައި ވަކިކޮޅަކަށް ނުޖެހި ފުލުހުން އެމައްސަލަ ބަލާނެކަމުގެ ޔަޤީންކަން ދެއްވާކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާވެސް ވަނީ މި މައްސަލަ ބައްލަވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް ޖަމްޢިއްޔާ ސަސްޕެންޑްކޮށް، ޖަމިއްޔާގެ މަސައްކަތްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެޖަމްޢިއްޔާއަށްވަނީ އަންގާފައެވެ.