ޚަބަރު

ބްރެކްސިޓްގައި ދެކޭގޮތް ވަޒަންކުރުމަށް އަލުން ފެންނަ-ނުފެންނަ ވޯޓެއްނެގުމަށް ރައްޔިތުން ގޮވާލައިފި


ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާމެދު އަދިވެސް އެއްފަހަރު ރައްޔިތުންގެ މެދުގައި ފެންނަ-ނުފެންނަ ވޯޓެއްނެގުމަށް ގޮވާލާ ލަންޑަންގައި މުޒާހާކޮށްފިއެވެ. މި މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން އިނގިރޭސިވިލާތުގެ އެކި ކަންކޮޅުތަކުން އެތައްހާސް ބަޔަކު ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން ލަންޑަންގެ ހައިޑްޕާކަށް ޖަމާވެފައިވާއިރު މެންދުރުފަހުވަނީ ހައިޑްޕާކުން ފެށިގެން އިނގިރޭސި ޤާނޫނުހަދާ މަޖިލީހުގެ ޢިމާރާތްކަމަށްވާ ވެސްޓްމިންސްޓާ ޕެލެސް ކައިރިއަށްގޮސް އެ ސަރަޙައްދުގައި މުޒާހަރާކޮށްފައެވެ.

މުޒާހަރާކުރާ މީހުން ވެސްޓްމިންސްޓާ ޕެލެސް ކައިރިއަށް ޖަމާވެފައިވަނީ ބްރެކްސިޓްގެ މައްސަލައިގައި އިނގިރޭސިވިލާތުގެ ސަރުކާރާއި ވިލާތުގެ އިއްތިޙާދުން މިދިޔަ ބުރާސްފަތި ދުވަހު އެއްބަސްވި އައު އެއްބަސްވުމަށް ރުހުންދިނުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ހައުސް އޮފް ކޮމަންސުން ބޭއްވި ޖަލްސާ ކުރިޔަށްދިޔަ ވަގުތުއެވެ. މި މުޒާހަރާތަކުގައި ގާތްގަނޑަކަށް މިލިޔަނަކަށްވުރެ ގިނަމީހުން ބައިވެރިވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާކުރަން ނުކުތް މީހުންގެ ތެރެއިން އެއްބައެއް މޫނުމަތިން ނާއުންމީދުގެ އަސަރު ފެންނަން ހުރިއިރު އަނެއްބަޔަކު ދިޔައީ ނުރުހުމުގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ. އަދި ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރަން މަސައްކަތްކުރާ ސިޔާސީ ފަރާތްތަކަށް ޖޯކުޖަހާފައިވާ ލިޔުންތަކާއި ކުރެހުންތައް މުޒާހަރާތަކުގައި ބައިވެރިންވަނީ ބޭނުންކޮށްފައެވެ. މުޒާހަރާކުރަން ނުކުތް އެއްބަޔަކު ލަންޑަންގެ މަގުތައް ފުރައިގެން ހިނގާފައި ދިޔައިރު އިތުރު އެތައްހާސް ބަޔަކު އެމީހުންނާއި ގުޅިފައިވަނީ ހައިޑްޕާކާ ހަމައިންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިނގިރޭސި ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާއަކީ 1982ވަނަ އަހަރު އިނގިރޭސިވިލާތާ އާންޖެންޓީނާއާއި ދެމެދު ކުރެވުނު ފޯކުލޭންޑު ހަނގުރާމައަށްފަހު ހޮނިހިރު ދުވަހެއްގައި އިނގިރޭސި ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާއެއް ބޭއްވި ފުރަތަމަ ފަހަރެވެ. މިޖަލްސާގައިވަނީ އިނގިރޭސި ސަރުކާރާއި ވިލާތުގެ އިއްތިޙާދުން އެއްބަސްވި އައު އެއްބަސްވުމަށް ރުހުންދިނުމުގެ ކަންކަން ފަސްކުރުމަށް ހައުސް އޮފް ކޮމަންސުން ނިންމާފައެވެ.

ހައުސްގެ އަޣްލަބިއްޔަތުން މިގޮތަށް ނިންމާފައިވަނީ އައު އެއްބަސްވުމަށް ރުހުން ދިނުމަށް ބޮޑުވަޒީރު ބޮރިސް ޖޮންސަން ހައުސްގެ މެންބަރުންނަށް އިލްތިމާސްކުރައްވާފައިވަނިކޮށެވެ. ނަމަވެސް ޖޮންސަން ވިދާޅުވީ ބްރެކްސިޓްގެ ތާރީޚު ފަސްކުރަން ވިލާތުގެ އިއްތިޙާދުގެ ޤައުމުތައް ތިބީ ތައްޔާރަށް ނޫންކަމަށާ އެހެންކަމުން ބްރެކްސިޓްގެ ތާރީޚު ފަސްކޮށްދިނުމަށް އެދި އޭނާގެ ސަރުކާރުން ވިލާތުގެ އިއްތިޙާދަށް ހުށަނާޅާނެކަމަށެވެ.

ހައުސްގެ ޖަލްސާގެ ކުރިން ޖޮންސަންވަނީ ބްރެކްސިޓްގެ އައު އެއްބަސްވުމަށް ހައުސްގެ ރުހުންނުލިބިއްޖެނަމަ މި އޮކްޓޫބަރު މަހުގެ އެއްތިރީހުގެ ކުރިން އެއްބަސްވުމަކާނުލައި ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.