ތުރުކީވިލާތުން ސޫރިޔާގައި ހިންގަމުންދިޔަ އަސްކަރީ ޙަރަކާތްތައް ވަގުތީގޮތުން ހުއްޓާލުމުން ތަލްއަބްޔަޟުގައި ދިރިއުޅެމުންދާ ގިނަ ޢަދަދެއްގެ ސޫރިޔާ ރައްޔިތުން ނުކުމެ އެހީގެ ތަކެތި ހޯދުމަށް ކިޔުހަދައިފިއެވެ. ތުރުކީވިލާތާއި ސޫރިޔާގެ ސަރަޙައްދީ އިމުގެ ކައިރީގައި އޮންނަ ރަށެއްކަމުގައިވާ ތަލްއަބްޔަޟުގައި އެހީގެ ތަކެތި ފޯރުކޮށްދެމުންދަނީ ތުރުކީގެ ރެޑް ކްރެސެންޓުންނެވެ.
ތުރުކީވިލާތުން ސޫރިޔާގެ އުތުރުގައި ހިންގަމުންދިޔަ އަސްކަރީ ޙަރަކާތް 5 ދުވަހުގެ މުއްދަތަށް ހުއްޓާލަން އެ ޤައުމުންވަނީ އެއްބަސްވެފައެވެ. އެގޮތަށް ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން އެއްބަސްވެވަޑައިގަތީ އެމެރިކާގެ ނާއިބުރައީސް މައިކް ޕެންސްއާއި އަންކާރާގައި ބައްދަލުކުރެއްވުމަށްފަހުއެވެ. އދން އަންދާޒާކުރާގޮތުގައި ތުރުކީވިލާތުގެ ޙަމަލާތަކުގެ ސަބަބުން ދުއިސައްތަހާހަށްވުރެ ގިނަ މީހުންވަނީ ރެފިއުޖީންނަށްވެ ޙާލުގައިޖެހިފައެވެ.
ތުރުކީވިލާތުން ބުނަމުންދަނީ އެ ޤައުމުން ސޫރިޔާއާއި ދެކޮޅަށް ހަނގުރާމައެއް ފެށީ ނޫންކަމަށާއި އަސްކަރީ ޙަރަކާތުގެ ބޭނުމަކީ ކުރުދީންގެ ވައިޕީޖީ ހަނގުރާމަވެރިން 30 ކިލޯމީޓަރު ފަހަތަށްޖެއްސުންކަމަށާއި އޭގެ ސަބަބުން ދެ ޤައުމު ގުޅޭ ބޯޑަރުގެ ސަރަޙައްދު އަމާންތަނަކަށް ވެގެންދާނެކަމަށެވެ. އަދި ތުރުކީވިލާތުގައި ތިބި ސޫރިޔާގެ ރެފިއުޖީން އެ ހިސާބުގައި ވަޒަންވެރިކުރުވަން ފަސޭހަވެގެންދާނެކަމަށްވެސް ތުރުކީންވަނީ ބުނެފައެވެ.
ތުރުކީވިލާތުގެ ރައީސް އުރުދުޣާން ވިދާޅުވީ ޙަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމާ އެއްގޮތަށް ކުރުދީ ހަނގުރާމަވެރިން ފަހަތަށްޖެހެމުން ނުދާނަމަ ޙަމަލާތައް އަލުން ފަށާނެކަމަށެވެ.