ޚަބަރު

ބަލިމީހުންގެ މެޑިކަލް ހިސްޓްރީ ކޮންމެ ރަށަކުން މިހާރު ބަލާލެވޭނެ


ސަރުކަރުގެ ސިއްޙީ ޚިދުމަތްދޭ ހުރިހާތަނެއް އެއް ވިއުގައެއްގެ ތެރެއިން ގުޅާލައިފިއެވެ. "ޤައުމީ ސިއްޙީ ވިއުގަ"އަކީ އާސަންދައިގެ "ވިނަވި އެޕްލިކޭޝަން" މެދުވެރިކޮށް ހޮސްޕިޓަލްތަކާއި، ސިއްޙީ މަރުކަޒުތަކުގެ ހިންގުމުގެ ކަންކަން އެއް ވިއުގައެއްގެ ތެރެއިން ގުޅާލައި ސްޓޭންޑަޑައިޒް ނިޒާމެއްގެ ދަށުން ސިއްޙީ ދާއިރާގެ ކަންކަން މޮނިޓަރ ކުރުމަށް ފެށި މަސައްކަތެކެވެ.

އާސަންދައިގެ "ވިނަވި ސޮފްޓްވެއަރ"އާއެކު މިހާރު ރާއްޖޭގައި ޑޮކްޓަރަށް ދައްކާ ހުރިހާ ބަލިމީހުން ޑޮކްޓަރަށް ދެއްކުމާގުޅޭ މަޢުލޫމާތު އެއް ވިއުގައެއްގެ ތެރެއިން، ރައްކާތެރިކަމާއިއެކު ބެލެހެއްޓުމުގެ މަސައްކަތް ވަނީ ފަށާފައެވެ. "ވިނަވި ސޮފްޓްވެއަރ" ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭނުންކުރުން ރަސްމީކޮށް ފަށްޓަވައިދެއްވީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގައި ބެއްވި ޚާއްސަ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއެވެ.

މިޚިދުމަތް ފަށްޓަވައިދެއްވައި ވަހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢަބްދުﷲ އަމީން ވިދަޅުވީ މިފަދަ ޕޯޓަލަކުން އެއްކުރެވޭ މަޢުލޫމާތާއި އެކި ޕޮލިސިތައް ހެދުމަށްވެސް ލުއިފަސޭހަވާނެކަމަށެވެ. އަދި ޖަވާބުދަރީވުމަށްވެސް ބާރަކަށް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހޮސްޕިޓަލްގެ އިންވެޓްރީ ބެލެހެއްޓުމުގެ ޕައިލްޓް ޕްރޮޖެކްޓެއް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ލ.އަތޮޅުގެ ސިއްޙީ ޚިދުމަތް ތަރައްޤީކުރުމާގުޅޭގޮތުންވެސް މިނިސްޓަރ އަމީންވަނީ ވާހަކަފުޅުދައްކަވާފައެވެ.

"ގަމު ހޮސްޕިޓަލް ކިރިއަށް އޮތްތަންގައިވަޏި ޓަރޝަރީ ހޮސްޕިތަލްއަކަށް. 1 ނުވަތަ ދެމަސްތެރޭ ސީޓީ ސްކެން ޚިދުމަތް ފަށަނަން. އަދި ހޮސްޕޮޓަލް ބޮޑުކޮށް ޚިދުމަތް ފުޅަކުރަނަން." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

"ވިނަވި ޕޯޓަލް"އާ ގުޅޭ މައުލޫމާތު ދެއްވަމުން އާސަންދައިގެ އެސިސްޓަންޓް މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު ވިދާޅުވީ ޢާއްމުންނަށާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ މަސައްކަތް ލުއިކޮށް އަވަސްކުރުމަށް ޑިޖިޓަލައިޒް ކުރުމުގެ ގިނަ މަސައްކަތްތަކެއް ފަށާފައިވަކަމަށެވެ. އެގޮތުން މެމޯ ހެއްދުމުންފެށިގެން ބަލިމީހާ ހޮސްޕިޓަލުން ދޫކޮށްލުމާހަމައަށް ހުރިހާ މަޢުލުމާތެއް ރައްކާކުރެވޭނެކަމަށެވެ. އެނާ ވިދަޅުވީ ޕޯޓަލް މެދުވެރިކޮށް އެކްސްރޭއާއި އެމްއާރްއައިގެ ރިޕޯޓްތައް ރައްކަކުރެވެނެ އިންތިޒާމްވެސް ހަމަޖައްސަމުންދާކަމަށެވެ.