ވިޔަފާރި

ސަފާރީތަކުގައި ރަށްތަކަށް އެރޭނެ ނިޒާމް ހަމަޖައްސައިދޭނަން - ޓޫރިޒަމް މިނިސްޓަރ


ޓުއަރިސްޓު ސަފާރީތަކަށް ފަހި ގޮތެއް ހޯދުމަށް ސަފާރީތަކުގެ ޚިދުމަތް ހޯދާ ފަރާތްތަލަށް ރަށްރަށަށް ފޭބޭނެ ނިޒާމެއް ހަމަޖައްސައިދެއްވާނެކަމަށް ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވި ބޯޓިންގ އިންޑަސްޓްރީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަމަށާ، މިދާއިރާ ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށެވެ. އެގޮތުން ވަކި ނިޒާމެއްގެ ތެރެއިން ރާއްޖޭގައި ހަރަކާތްތެރިވާ ސަފާރީތަކުން ޚިދުމަތް ހޯދާ މީހުންނަށް ރަށްރަށަށް ފޭބޭނެ ނިޒާމެއް ހަމަޖައްސައިދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސްޓޭކް ހޯލްޑަރެއް ރާއްޖޭގެ ބޯޓިންގ އެސޯސިއޭޝަނަކީ. އަދި ރާއްޖޭގެ ސަފާރީއަކީ. ރާއްޖޭގެ ޓޫރިޒަމްގެ ޕްރޮޑަކްޓެއް އެއީ. އެހެންވީމަ ރާއްޖޭގެ ސަފާރީތަކަށް، ރާއްޖޭގައި މީހުންނަ ރަށްތަކަށް އެރޭނެ ނިޒާމް އަޅުގަނޑުމެން ހަމަޖައްސާނަން." މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

ސަފާރީތަކާއި ޔޮޓް ފަދަ އުޅަނދު ޢާންމުކޮށް އަޅާފައި އޮންނަނީ ރަށްރަށުގެ ފަޅުތެރޭގައެވެ. ސަފާރީތަކަށް އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ރަށްތަކަށް ޒިޔާރަތްކުރމުގައި ދަތިތަކެއް ކުރިމަތިވެއެވެ. އެހެންނަމަވެސް އަލަށް ގެނައުމަށް ނިންމަވާ ބަދަލާއެކު މިކަމަށް ޙައްލެއް ލިބޭނެއެވެ.

ސަރުކާރުން ދަނީ ސަފާރީ އުޅަނދުތައް އެޅުމަށް މާލެއިން ބޭރުން ޚާއްސަ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. މި މަސައްކަތްތަކާއެކު ރާއްޖޭގެ ބޯޓިންގ އިންޑަސްޓްރީއަށް ދިމާވެފައިވާ މައްސަލަތައް ހައްލުވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.