ކުޅިވަރު

ދަ ގްރާންޑޭއާއި ދެކޮޅަށް ކުޅޭނީ އެޓޭކިން ފުޓްބޯޅައެއް: މޯހަން


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ދަ ގްރާންޑޭއާއި ދެކޮޅަށް ކުޅޭ މެޗުގައި ބޮޑަށް އިސްކަންދޭނީ އެޓޭކިން ފުޓްބޯޅައެއް ކުޅުމަށްކަމަށް ކްލަބް އީގަލްސްގެ މުހައްމަދު ޝިޔާޒު (މޯހަން) ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ، މިރޭގެ މެޗުގައި ކުޅޭނީ އެންމެ ފަހުން މާޒިޔާއާއި ދެކޮޅަށް ކުޅުނު ގޭމު ނޫން ކަަމަށާއި، މި މެޗުގައި ކުޅޭނީ އާއްމުކޮށް އީގަލްސްއިން ކުޅެމުން އަންނަ އެޓޭކިން ގޭމެއްކަމަށެވެ.

އީގަލްސްއާއި ދެކޮޅަށް ނުކުންނަ ދަ ގްރާންޑޭއާއި ގުޅޭ ގޮތުން މުހައްމަދު ޝިޔާޒް (މޯހަން) ބުނީ، ދަ ގްރާންޑޭއަކީ މެޗުގެ އެންމެ ފަހު ވަގުތާއި ހަމައަށް ހިތްވަރުކުރާ ޓީމެއްކަމަށާއި، ފަހަކަށް އައިސް ގިނަ މެޗުތަކުގައި މެޗުގެ ފަހު ވަގުތު ނަތީޖާ ނެރެފައި އެބަހުރިކަމަށެވެ. މޯހަން ބުނީ ދަ ގްރާންޑޭގެ މައްޗަށް ކުރި ހޯދޭނީ ވަރަށް ބުރަ މަސައްކަތްކޮށްގެން ކަމަށާއި، މާޒިޔާއާއި ދެކޮޅަށް ކުޅުނު މެޗުގައި އީގަލްސް ކުޅުންތެރިން ދެއްކި ކުޅުން ދައްކައިފިނަމަ މި މެޗުގައި ކާމިޔާބު ހޯދޭނެކަމަށެވެ.

އެންމެ ފަހުން މާޒިޔާއާއި ދެކޮޅަށް ކުޅުނު މެޗުގައި މުހައްމަދު ނާއިމްގެ ކަކުލަށް ސީރިއަސް އަނިޔާވެގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. މި އަނިޔާގެ ސަބަބުން ނާއިމް ވަނީ ހަ މަސް ދުވަހު ކުޅުމާއި ދުރަށްދާން ޖެހިފައެވެ. މޯހަން ބުނީ ނާއިމްގެ އޮޕަރޭޝަނަށްފަހު ރިކަވަރީގެ ކަންތައްތައް ރަނގަޅަށް ގޮސްފިނަމަ، އަވަސް މުސްތަޤްބަލެއްގައި ނާއިމްއަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެކަމަށެވެ.

"މާޒިޔާ މެޗުގައި ކުޅުނު ގޭމެއް ނޫން މި މެޗުގައި ކުޅޭނީ. އީގަލްސް ކުރިން ކުޅެމުންއައި އެޓޭކިން ގޭމު ކުޅޭނީ މިރޭ. ދެން ދަ ގްރާންޑޭގެ މަސައްކަތު ރޭޓް ވަރަށް ރަނގަޅު ޓީމެއް. އެންމެ ފަހު ވަގުތާއި ހަމައަށްވެސް މަސައްކަތް ކުރާނެ މެޗުގެ މޮޅުވާން އެޓީމު. އުނގަދޫވާނެ ބަލިކުރަން. މާޒިޔާގައި އެބަތިބި ފެންވަރު ރަނގަޅު ކުޅުންތެރިން. މާޒިޔާ މެޗުގައި ދެއްކި ކުޅުން ދައްކައިފިނަމަ ބަލިކުރެވޭނެ". މޯހަން ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ހޯދި 18 ޕޮއިންޓާއެކު ކްލަބް އީގަލްސް އޮތީ ތާވަލްގެ ދެވަނައިގައެވެ. ދަ ގްރާންޑޭ އޮތީ 9 މެޗު ކުޅެގެން ލިބުނު 15 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ.