ޚަބަރު

ސޫރިޔާގެ ރައީސާއި ރަޝިޔާގެ މަންދޫބު ދިމިޝްޤްގައި ބައްދަލުކުރައްވައިފި


ތުރުކީވިލާތުން ސޫރިޔާގެ އިރުއުތުރަށް ދެމުންގެންދާ ޙަމަލާތަކާ ގުޅޭގޮތުން ރައީސް ބައްޝާރުލްއަސަދު ރަޝިޔާގެ މަންދޫބު އެލެގްޒެންޑާ ލަވްރަންޓިއޭވްއާ ދިމިޝްޤްގައި މަޝްވަރާކުރައްވައިފިއެވެ. ދެ ބޭފުޅުންގެ މަޝްވަރާތަކުގައި ތުރުކީވިލާތުން ސޫރިޔާއަށްދޭ ޙަމަލާތައް ހުއްޓުވުމަށް ބައްޝާރުލްއަސަދު އިސްކަންދެއްވިއިރު، ބައްޝާރުލްއަސަދުވަނީ ސޫރިޔާ ސަރުކާރުގެ ހުއްދައަކާނުލާ އެ ޤައުމަށް ވަދެއުޅޭ ބޭރުގެ ހުރިހާ ބާރުތަކެއް ސޫރިޔާއިން ފޭބުމަށް ބާރުއަޅުއްވާފައެވެ.

މީގެ އިތުރުން އެމެރިކާގެ ނާއިބުރައީސް މައިކް ޕެންސާއި ޚާރިޖީވަޒީރު މައިކް ޕޮމްޕެއޯ ތުރުކީވިލާތަށް ވަޑައިގެން ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ކުރެއްވި މަޝްވަރާތަކުގައި އުރުދުޣާންވަނީ ތުރުކީ ސިފައިން ސޫރިއާއަށްދޭ ޙަމަލާތައް ފަސް ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް މިކަމަށް އުރުދުޣާން އެއްބަސްވެވަޑައިގަތީ ސޫރިޔާގެ އިރުއުތުރު ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ ސޫރިޔާ ކުރުދީންގެ ވައިޕީޖީ ހަނގުރާމަވެރިން ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގުގެ ދެކުނުން ތިރީސް ކިލޯމީޓަރު ފަހަތަށްޖެއްސުން ޝަރުތުކުރުމަށްފަހުއެވެ.

ފަސް ދުވަހުގެ ތެރޭގައި ކުރުދީ ހަނގުރާމަވެރިން ފަހަތަށް ޖައްސާނެކަމުގެ ޔަޤީންކަން އެމެރިކާއިން ދީފައިވާތީ ތުރުކީ ސިފައިން ހުކުރު ދުވަހުވަނީ ޙަމަލާތައް ވަގުތީގޮތުން ހުއްޓާލާފައެވެ. ޙަމަލާތައް ހުއްޓާލުމަށްފަހުވެސް ޙަމަލާ ބަދަލުކުރި އަޑު އެ ސަރަޙައްދުން އިވިފައިވެއެވެ.

އުރުދުޣާންވަނީ އަންނަ ހަފުތާގައި އޭނާ ރަޝިޔާގެ ރައީސް ވްލަޑިމީރު ޕުޓިންއާ ބައްދަލުކުރައްވާއިރު ސޫރިޔާގެ އިރުއުތުރުގައި ތުރުކީވިލާތުން ޤާއިމުކުރަން މަސައްކަތްކުރާ ޙަމަލާ ބަދަލުުރުން މަނާ ސަރަޙައްދުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް ވިދާޅުވެފައެވެ.