ސޫރިޔާގެ އިރުއުތުރުގައިވާ އައިއެސް ޖަމާޢަތުގެ ޙަރަކާތްތައްވަނީ ކޮންޓްރޯލުކުރެވިފައިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓެކްސަސްގެ ލުއިވިޓޯން ކާރުޚާނާއަށް ޒިޔާރަތްކުރައްވާ ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ އައިއެސްގެ ހަނގުރާމަވެރިންވަނީ ކޮންޓްރޯލުކުރެވިފައިކަމަށާއި ތުރުކީވިލާތުން ސޫރިޔާގެ އިރުއުތުރަށްދޭ ޙަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން ތުރުކީވިލާތާއި އެމެރިކާއިން ވެފައިވަނީ އެތައްމިލިޔަން ބައެއްގެ ފުރާނަ ސަލާމަތްކުރެވޭނެ ރަގަނޅު އެއްބަސްވުމެއްކަމަށެވެ.
މިދިޔަ ހަފުތާއިން ފެށިގެން ތުރުކީވިލާތުން ސޫރިޔާގެ ކުރުދީ ސަރަޙައްދުތަކަށް ދެމުންގެންދާ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ވުޖޫދަށްގެނެސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ނާއިބުރައީސް މައިކް ޕެންސާއި ޚާރިޖީވަޒީރު މައިކް ޕޮމްޕެއޯ ތުރުކީވިލާތަށް ވަޑައިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ކުރެއްވި މަޝްވަރާތަކަށްފަހުއެވެ.