ކުޅިވަރު

ޤައުމީ ޓީމް ކޮމިޓީއިން ބަލާނީ މައިގަނޑު 4 ކަމެއް ރަނގަޅު ކުރުމަށް: އަލީ ވަހީދު


ކުރިއަށް އޮތް ތާނގައި ޤައުމީ ސްކޮޑަށް ކުޅުންތެރިން ނެގުމުގައި ޤައުމީ ޓީމްގެ ކޮމިޓީއިން ލަފާ ދޭނީ މައިގަނޑު 4 ކަމަކަށް ބަލާފައިކަމަށް ކޮމިޓީގެ ޗެއަރމަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޤައުމީ ޓީމް ކޮމިޓީން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ކޮމިޓީން ލަފާ ދޭން މައިގަނޑު ހަތަރުކަމެއް ހިމަނަން ނިންމީ ގިނަ ބަޔަކާއި މަޝްވަރާކުރުމަށްފަހުކަމަށެވެ. މިގޮތުން އެ ހަތަރު ކަންތަކަކީ ކުޅުންތެރިޔާގެ ފިޒިކަލް ފިޓްނަސް، ޓެކްނިކަލް ހުނަރު، ސައިކޮލޮޖިކަލް ސްޓްރެންތްގެ އިތުރުން ސޯޝަލީ ގުޅުން ވަރުގަދަވުންކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މިއީ ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކޮށްގެން ރަނގަޅުކުރެވޭނެ ކަންކަންކަމަށާއި، މިހާރުން މިހާރަށް ބަދަލުތައް ނުފެނުނުކަމުގައިވިޔަސް ޖޫނިއަރ އުމުރުފުރާތަކުން ފެށިގެން މި މަސައްކަތް ފަށާނެކަމަށެވެ. މިހާރު ރާއްޖޭގެ ޤައުމީ ޓީމްގެ އަމާޒަކަށްވާންވާނީ ސާފް ޗެމްޕިއަންޝިޕް ނޫންކަމަށާއި، ދެ ފަހަރު އެ މުބާރާތް ކާމިޔާބުކުރެވުމަކީ އެއަށްވުރެ މައްޗަށް ވިސްނުން ބަދަލުކުރަންޖެހޭ ސަބަބެއްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޤައުމީ ޓީމްގެ ކަންކަން ރަނގަޅުކުރުމާއި ފުޓްބޯޅައިގެ ކަންކަން ރަނގަޅުކުރުމަށް ވަގުތީ ޕްލޭނެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަމަށާއި، ދިގު މުއްދަތުގެ ދުރުރާސްތާ ޕްލޭނެއް އެކުލަވާލާނެކަމަށްވެސް ވިދާޅުވިއެވެ. ޤައުމީ ޓީމް ކުޅޭ މެޗުތައް ސަޕޯޓަރުން ދަނޑަށް ވައްދަން މަސައްކަތް މިހާރުވެސް ފެށިއްޖެކަމަށާއި، ރާއްޖޭގެ ލީގުގެ ރަނގަޅުކުރުމަށް ކުރެވެން ހުރި މަސައްކަތްވެސް ފާހަގަކޮށް އެކަން ކުރައްވާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަތަރުކަމަކަށް ބަލާނަން، މިކަންކަން ބަލާނެ ގޮތާއި މިންގަނޑުވެސް ވަކިވަކިން ކުރިއަށް އޮތްތާނގައި ހިއްސާކުރާނަން. ފުރަތަމަކަމަކީ ޓެކްނީކް. ދެވަނަ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ބަލާނީ ފިޒިކަލް ފިޓްނަސް. ތިންވަނަ ކަމަކީ އަޅުގަނޑުމެންގެ ސައިކޮލޮޖިކަލް އެބިލިޓީ. މެޗުތަކުގެ ޑިސިޝަން ނެގުމުގައި މިކަން ރަނގަޅުވިއްޔާ ފައިދާކުރާނެ. އެންމެ ފަހު ކަމަކަށް އަޅުގަނޑުމެން ބަލާނީ ސޯޝަލީ ކުޅުންތެރިން ގުޅުން ވަރުގަދަކުރުމަށް"

ދާދި ފަހުން އެފްއޭއެމުން އެކުލަވާލި ޤައުމީ ޓީމްގެ ކޮމިޓީގައި ޗެއަރމަން އަލީ ވަހީދުގެ އިތުރުން ދެން ހިމެނެނީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޝަވީދުއާއި އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަހުމަދު ޝަކީބްއާއި ޤައުމީ ޓީމު ކޮމިޓީގެ ކުރީގެ މެމްބަރު އަލީ ނާޝިދުގެ އިތުރުން އަންހެން ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރިޔަމް މިރުފަތުއެވެ.