ޚަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު : ނައިބު ރައީސް ކަމަށް އަސްލަމާއި ޝިފާޒު ވާދަކުރައްވަނީ


އެމްޑީޕީގެ ނާއިބުރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވާދަކުރައްވަން ނިންމެވުމާއެކު އެމަޤާމުގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ބައެއް ދާއިރާގެ ތަކުގެ ވޯޓުލުން މިއަދުވަނީ ފަށާފައެވެ.
އެޕާޓީގެ ރައީސާއި ނާއިބުރައީސް ކަމުގެ މަޤާމުވަނީ މިހާރު ހުސްވެފައެވެ. އެދެމަޤާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ ހޮނިހިރުދުވަހުއެވެ. އެމްޑީޕީގެ ނާއިބު ރައީސްކަމުގެ މަޤާމުގައި މިހާތަނަށް ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒްވަނީ ދައުރަކަށް އެމަޤާމަށް ކުރިމަތިލައްވާނެކަން ކުރިންވެސް ހާމަކުރައްވާފައެވެ. އެހެންކަމުން އަސްލަމާއި ޝިފާޒްގެ މެދުގައި މިމަޤާމުގެ އިންތިޚާބު ވަރަށް ވާދަވެރިވެގެންދާނެކަމަށް ބެލެވެއެވެ.

އަސްލަމަކީ 19ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް ވަޑައިގަތުމަށްވެސް މަސައްކަތްޕުޅު ކުރައްވާފައިވާ ބޭފުޅެކެވެ. އެހެންނަމަވެސް ވިލިފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފާ ދެބޭފުޅުންގެ ވާދަވެރިކަން ބޮޑުވެ ބައެއްކަހަލަ މައްސަލަތައް ދިމާވުމާ ގުޅިގެން އަސްލަމްވަނީ ނަން އަނބުރާ ގެންދަވައި ރައީސް ނަޝީދު އެމަޤާމަށް ވަޑައިގަތުމަށް ހުށަހަޅުއްވާފައެވެ.

އެމްޑީޕީގެ ނާއިބުރައީސްގެ އިތުރުން ރައީސްގެ ކަމަށް ކުރިމަތިލުމުގެ މުއްދަތުވެސް ހޮނިހިރުދުވަހު ހަމަވާނެއެވެ. މިމަޤާމަށް އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަން ރައީސް ނަޝީދުވަނީ ހާމަކުރައްވައި ކެމްޕެއިން ފައްޓަވާފައެވެ. އެނޫން އިތުރު ބޭފުޅަކު އަދި މިމަޤާމަށް ވާދަކުރައްވާނެކަން ހާމައެއް ނުކުރައްވައެވެ.