މުނިފޫހިފިލުވުން

ބައްޕައާއި އެކު ޝޫޓިންގެ ތެރެއިން ދެ ބެއިންގެ ފޮޓޯއެއް


90ގެ މަޝްހޫރު ޕްރޮޑިއުސަރ ޑައިރެކްޓަރ މަހޭޝް ބަޓް މިދުވަސްކޮޅު އުޅެމުންދަނީ އޭނާގެ އާ ފިލްމްގެ "ސަޅަކް 2" ގެ ޝޫޓިންގައި ވަރަށް ބިޒީކޮށެވެ. އަލީއާ ބަޓް، އަދްތިޔާ ރޯއީ، ސަންޖޭ ދަތު އަދި ޕޫޖާ ބަޓް މުހިއްމު ރޯލްތަކުން ފެނިގެންދާ މި ފިލްމަކީ ޑައިރެކްޝަނަށް މަހޭޝް ބަޓް އަލުން އެނބުރި އަންނަ ފިލްމެއްކަމަށް ވަނީ ބެލެވިފައެވެ. ޑައިރެކްޓްގެ ގޮނޑިން މަހޭޝް ބަޓް އެންމެ ފަހުން ފެނިގެންގޮސްފައިވަނީ 1999 ވަނަ އަހަރު ނެރުނު " ކަރްޓޫސް" ގައެވެ.

"ސަޅަކް 2" މަހޭޝް ބަަޓަށް ހާއްސަވާ އެހެން ސަބަބެއްވެސް އެބައޮތެވެ. މީ މިހާރު އެންމެ ކާމިޔާބު އެއް އަންހެންތަރިކަމަށްވާ މަހޭޝް ބަޓްގެ އަމިއްލަ ދަރިިފުޅު އާލިއާ ބަޓް އޭނާގެ ބައްޕަގެ ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރުވެސް މެއެވެ.

މި ފިލްމުގެ ވާހަތަކާއި އެކު މަހޭޝް ބަޓް ވަނީ މި ފިލްމްގެ ޝޫޓިންގެ ތެރެއިން ފޮޓޯއެއް އިންސްޓަރ ގްރާމަށް ޝެއަރކޮށްލާފައެވެ. މި ފޮޓޯގައި ފެންނަނީ މަހޭޝްގެ ދެ އަންހެން ދަރިންކަމަށްވާ ޕޫޖާ ބަޓާއި އާލިއާ ބަޓްއެވެ. އާލިއާވެސް ވަނީ މި ފޮޓޯ އޭނާގެ އިންސްޓަރ ގްރާމްގައި ޝެއަރކޮށްފައެވެ.

"ސަޅަކް 2" އަކީ 1991 ވަނަ އަހަރު މަހޭޝް ބަޓް ނެރުނު ކާމިޔާބު ފިލްމް "ސަޅަކް" ގެ ސީކުއަލްއެކެވެ. ޕޫޖާ ބަޓާއި ސަންޖޭ ދަތު މުހިއްމު "ސަޅަކް " ގެ ލީޑު ރޯލްތަކުން ފެނިގެންދިޔައިރު މީގެ ސީކުއަލްގަވެސް ފެނިގެންދާނެއެވެ.

ވިވޭޝް ފިލްމާއި ފޮކްސް ސްޓަރ ސްޓޫޑިއޯ ގުޅިގެން ޕްރޮޑިއުސްކުރާ "ސަޅަކް 2 " ގެ ވާހަކަ ލިޔެފައިވަނީ ވިކްރަމް ބަޓާއި ސަގުފްތާ ރަގީފްއެވެ. މި އަހަރުގެ މޭ މަހު އިއުލާންކުރި މި ފިލްމްގެ ޝޫޓިންތައް ފެށިތާ މިހާރު 40 ދުވަސްވެފައިވާއިރު މި ފިލްމް ސްކްރީންތަކަށް އަންނާނީ އަންނަ އަހަރުގެ ޖުލައިމަހުގެ 10 ވަނަ ދުވަހުއެވެ.