ވިޔަފާރި

ވަރު - ބައި އެޓްމޮސްފިއާ ހުޅުވައިފި


އެޓްމޮސްފިއަރ ހޮޓެލްސް އެންޑް ރިސޯޓުން ރާއްޖޭގައި ތަރައްޤީކުރި "ވަރު - ބައި އެޓްމޮސްފިއާ" ރިސޯޓު ހުޅުވައިފިއެވެ.

މާލެ އަތޮޅުގެ ހުޅަނގު އުތުރުން އޮންނަ މަޑިވަރުގައި ތަރައްޤީކޮށްފައިވާ މިރިސޯޓަކީ 108 ވިލާއާއެކު ކޮންމެ ވިލާއެއްގައި ޕޫލެއް ހިމެނޭ ގޮތަށް ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މީގެ ތެރޭގައި 39 ބީޗް ވިލާއާއި 69 ވޯޓަރ ވިލާ ހިމެނޭއިރު ވިލާތައް ފަރުމާކޮށްފައިވަނީ ދިވެހި ޘަޤާފަތް ދައްކުވައިދޭގޮތަކަށެވެ.

ވިލާތަކުގެ އިތުރުން ފަތުރުވެރިން މުނިފޫހިފިލުވުމަށްޓަކައި ޑައިވް އަދި ވޯޓަރ ސްޕޯޓްސް ސެންޓަރަކާއި، ސްޕާ އަދި ޖިމްނާސިއަމްއެއްގެ އިތުރުން ކުޑަކުދިން މުނިފޫހިފިލުވުމަށްޓަކައި ޚާއްސަ "ކިޑްސް ކްލަބެއް" ވެސް މި ރިސޯޓުގައި ފަރުމާކޮށްފައިވެއެވެ. މި ރިސޯޓަކީ ގިނަ ބާވަތުގެ މަސްމަހާއި މެހި، ވަކިން ޚާއްސަކޮށް މަންތާ ރޭ އާލާވާ ސަރަޙައްދަކަށްވުމާއެކު މިއީ ސްނޯކްލިންގ އަދި ޑައިވިންގ ތަޖުރިބާކޮށްލުމަށް ރަނގަޅު ސަރަޙައްދެއްކަމަށް ރިސޯޓް އޮޕަރޭޓްކުރާ ފަރާތުން ބުނެއެވެ.

މި ރިސޯޓަކީ އެޓްމޮސްފިއަރ ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގައި ތަރައްޤިކުރި 5 ވަނަ ރިސޯޓެވެ. އެކުންފުނިން މިހާރު ހިންގަމުންދާ ރިސޯޓުތަކަކީ އޮޒެން ބައި އެޓްމޮސްފިއަރ މާދޫ، "އެޓްމޮސްފިއާ ކަނިފުށި" ރިސޯޓާއި "އޮބްލޫ ސިލެކްޓް އެޓް ސަންގެލި" ރިސޯޓާއި "އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެނގެލި" ރިސޯޓެވެ.

އެޓްމޮސްފެއަރ ހޮޓެލްސް އެންޑް ރިސޯޓްސްއަކީ 2013 ވަނަ އަހަރު ރިސޯޓު ވިޔަފާރީގެ ދާއިރާއަށް ތަޢާރަފްވި ދިވެހިރާއްޖޭގެ ބްރޭންޑެކެވެ.