މާލޭގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ބިދޭސީއަކު ރަހީނުކޮށްފައިހުއްޓާ ފުލުހުން އެމީހާ ސަލާމަތްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މާފަންނުގައި ހުރި ބިދޭސީން ދިރިއުޅޭ ގެއެއްގައި ބަންގްލަދޭޝްގެ މީހަކު ރަހީނުކޮށް އޭނާގެ އަތުން ފައިސާ ހޯދަން އުޅޭކަމުގެ މަޢުލޫމާތު މިއަދު ހަވީރު 17:14ހާއިރު ލިބުމާއެކު ފުލުހުން އެ ގެއަށް ގޮސް އެމީހާ ސަލާމަތް ކޮށްފައިވާކަމަށެވެ. މި ހާދިސާގައި އެމީހާއަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަން ނުވަތަ ނޫންކަންވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ 2 މީހަކު މިހާރު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މާލޭގައި މިމަހުގެ ކުރީކޮޅުވެސް އަދި މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުވެސް ބިދޭސީއަކު ރަހީނުކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.