ޚަބަރު

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލު ރައީސް ތަޞްދީޤު ކުރައްވައިފި


ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނަކީ، އެ ޤާނޫނުގައި ނޭދެވޭ ޢަމަލުގެ ގޮތުގައި ބަޔާންކޮށްފައިވާފަދަ ކަމަކާ ގުޅޭ މަޢުލޫމާތު ހުށަހެޅުމުގައި، ނުވަތަ ވިސްލްބްލޯކުރުމުގައި، ޢަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފައިވާ ޤާނޫނެކެވެ.

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނަކީ، އެ ޤާނޫނުގައި ނޭދެވޭ ޢަމަލުގެ ގޮތުގައި ބަޔާންކޮށްފައިވާފަދަ ކަމަކާ ގުޅޭ މަޢުލޫމާތު ހުށަހެޅުމުގައި، ނުވަތަ ވިސްލްބްލޯކުރުމުގައި، ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެކެވެ. އަދި ވިސްލްބްލޯކުރާ ފަރާތަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި، ވިސްލްބްލޯކޮށްގެން މަޢުލޫމާތު ހުށަހެޅުމުން މަޢުލޫމާތު ބަލައިގަންނަ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ނޭދެވޭ ޢަމަލުތައް ހުއްޓުވައި، ދެފުށް ފެންނަ، ޖަވާބުދާރީވަނިވި، ނަޒާހަތްތެރި ޘަޤާފަތެއް އަށަގެންނެވުމަށް ބޭނުންވާނެ އެހެނިހެން އުސޫލުތައް ވެސް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ނޭދެވޭ ޢަމަލެއްގެ މަޢުލޫމާތު ހުށަހަޅައި، ވިސްލްބްލޯކުރާނެ ނިޒާމެއް އެކަށައަޅައި، ވިސްލްބްލޯކުރުމަށް ހިތްވަރު ދިނުމާއި ވިސްލްބްލޯކުރުމުން ލިބޭ މަޢުލޫމާތު އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤުކޮށް، ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި ވިސްލްބްލޯކުރާ ފަރާތްތަކަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅޭ ނޭދެވޭ ޢަމަލުތަކަށް ޖަވާބުދާރީވަނިވި، ދެފުށްފެންނަ، ނަޒާހަތްތެރި ޘަޤާފަތެއް ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ކިބައިގައި އަށަގެންނެވުންވެސް ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުންވެސް ޤާނޫނުގެ ދަށުން ވިސްލްބްލޯކުރާ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތަކުގެ ބޭނުން އެކަށީގެންވާ އަދި ޒިންމާދާރު ގޮތެއްގައި ހިފުމާއި، މި ޤާނޫނުގައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބާރުއެޅުން ވެސް ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢު ކުރައްވާފައެވެ.