ޚަބަރު

ބްރެކްސިޓްގެ ކަންކަން ހިނގަމުންދާގޮތް ޖޮންސަން ކެބިނެޓާ ޙިއްސާކުރައްވައިފި


ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުގެ ކަންކަން ކުރިއަށްދާގޮތް ބޮޑުވަޒީރު ބޮރިސް ޖޮންސަން އޭނާގެ ކެބިނެޓާއި ޙިއްސާކުރައްވައިފިއެވެ. ކުރިއަށްއޮތް ވިލާތުގެ އިއްތިޙާދުގެ ބައްދަލުވުމުގެ ކުރިން މިކަމުގައި ދެ ފަރާތުން އެއްބަސްވުމަށް އާދެވޭތޯ ވާހަކަތައްދަނީ ދެކެވެމުންނެވެ.

އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދާ ދެމެދު މިކަމުގައި އޮތް ޚިޔާލުތަފާތުވުން ކުޑަކުރެވުނު ކަމުގައިވިޔަސް އީޔޫއިން މި ވާހަކަތަކުގައި ބައިވެރިވާ ފަރާތްތަކުން ބުނަމުންދަނީ އެކަމުގައި ކުރިޔަށް ނުދެވި ހުއްޓުންއަރާފައިވާކަމަށެވެ. ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށްފަހު އިނގިރޭސިވެރިކަމުގެ ދަށުގައި އޮންނަ އުތުރު އަޔަލެންޑާއި އީޔޫގެ މެންބަރު ޤައުމެއްކަމަށްވާ ރިޕަބްލިކް އޮފް އަޔަލެންޑާ ދެމެދު އޮންނަ ބޯޑަރުގައި ކަސްޓަމްސްގެ ކަންކަން ހިނގަމުންދާންޖެހޭނެ ގޮތާއިމެދު ބޮޑުވަޒީރު ޖޮންސަންއާއި އުތުރު އަޔަލެންޑްގެ ޑިމޮކްރަޓިކް ޔޫނިއަނިސްޓް ޕާޓީއާއި ދެމެދުވަނީ ޚިޔާލުތަފާތުވެފައެވެ.

އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީސް މެދުވެރިކޮށް އެއްބަސްވުމެއްގެ ދަށުން އެ ޤައުމު ވިލާތުގެ އިއްތިޙާދުން ވަކިވާނަމަ ޔޫނިއަނިސްޓް ޕާޓީގެ ވޯޓު ބޮޑުވަޒީރު ޖޮންސަންއަށް ވަރަށް މުހިންމުވާނެއެވެ. މިހެންކަމުން ޖޮންސަން ގެންދަވަނީ އެ ޕާޓީގެ އިސް ފަރާތްތަކާވެސް ބައްދަލުކުރައްވަމުންނެވެ.

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް އެފަރާތާއެކު ވެވޭ އެއްބަސްވުމެއް ޤާއިމުނުކުރެވުނަސް އޮކްޓޯބަރު 31ގައި އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވާނެކަމަށް ބޮޑުވަޒީރު ޖޮންސަންވަނީ ވިދާޅުވެފައެވެ. އިނގިރޭސިވިލާތާއެކު މިކަމުގައި ވާހަކަދައްކަމުންދާ ވިލާތުގެ ޤައުމުތަކުގެ މަންދޫބުން މިހާރު ނުރުހިފައިތިބީ އިނގިރޭސިވިލާތް އިއްތިޙާދުން ވަކިވުމަށްފަހުވެސް އީޔޫގެ ޤަވާއިދުތައް އެ ޤައުމުންކުރާ ވިޔަފާރީގައި ހިންގަންފަށާފާނެތީއެވެ.