ރަޝިޔާގެ އަސްކަރީ ފައުޖުތަކުން ސޫރިޔާގެ އުތުރުގައި އޮންނަ ރަށެއްކަމުގައިވާ މަންބިޖްގައި ޙަރަކާތްތެރިވާން ފަށައިފިއެވެ. ރަޝިޔާ ސިފައިން މަންބިޖަށް އަރާފައިމިވަނީ ކުރިން އެރަށުގައި ތިބި އެމެރިކާ ސިފައިން އެތަން ދޫކޮށްދިޔުމުން އުފެދުނު ހުސްކަން ފޫބެއްދުމަށެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަންބިޖްގައި އެ ޤައުމުގެ ސިފައިން މިހާރު ކުރަމުންދާކަމަކީ އަމަން ބެލެހެއްޓުންކަމަށެވެ. އެގޮތުން މަންބިޖަށް މިހާރު ގޮސްތިބި ސޫރިޔާ ސިފައިންނާއި ތުރުކީވިލާތުގެ އަސްކަރީ ބާރުތަކާއި ކުރިމަތިލުމެއް ހިނގާފާނެކަމުގެ ބިރު އޮތުމުން އެކަން ހުއްޓުވުމުގެ މަސައްކަތް ރަޝިޔާ ސިފައިން ކުރަމުންދާކަމަށްވަނީ ބުނެފައެވެ.
ތުރުކީވިލާތުގެ ސިފައިން ސޫރިޔާގެ އުތުރަށް އަރާ، ކުރުދީންނާ ދެކޮޅަށް ހަނގުރާމަ ފެށުމުން ކުރުދީންވަނީ އެމީހުންގެ ޢާއްމު ރައްޔިތުން ޙިމާޔަތްކޮށްދިނުމަށް ސޫރިޔާގެ ސަރުކާރުގައި އެދިފައެވެ. މިހެންކަމުން ކުރިން ސޫރިޔާ ސަރުކާރު ސިފައިންގެ ކޮންޓްރޯލުނެތް ކުރުދީންގެ ރަށްތަކަށް ސޫރިޔާ ސިފައިންދަނީ އަންނަމުންނެވެ. ސޫރިޔާ ސިފައިންނާއެކު އެމީހުންނަށް މަދަދުދެމުންދާ ރަޝިޔާ ސިފައިންވެސް އުތުރުގެ ރަށްތަކަށްދަނީ ދަތުރުކުރަމުންނެވެ.
ތުރުކީވިލާތުން ބުނަމުންދަނީ އެ ޤައުމުތަކުން ސޫރިޔާގެ އުތުރަށް އެރީ ހަނގުރާމައެއް ކުރާކަށް ނޫންކަމަށާއި ބޭނުމަކީ އެ ހިސާބު އަމާންތަނަކަށް ހަދާ އެތަނުގައި ރެފިއުޖީން ވަޒަންވެރިކުރުވުންކަމަށެވެ. ނަމަވެސް ތުރުކީވިލާތުގެ މި ބުނުމާއި ދުނިޔޭގެ ޤައުމުތަކުންވަނީ މުޅިން ޚިޔާލުތަފާތުވެފައެވެ.