ޚަބަރު

ސޫރިޔާގެ އުތުރުގައި ބާކީ ތިބި އެމެރިކާ ސިފައިން ބޭލުމަށްވެސް އެމެރިކާ ނިންމައިފި


ތުރުކީ ސިފައިން ސޫރިޔާގެ އިރުއުތުރަށް ޙަމަލާތައް ދެމުންގެންދާއިރު ސޫރިޔާގެ އުތުރުގައި ބާކީ ތިބި އެމެރިކާގެ އެއް ހާހެއްހާ ސިފައިންވެސް ސޫރިޔާއިން ބޭލުމަށް އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ ދިފާޢީވަޒީރު މާކް އެސްޕާ ވިދާޅުވީ އެމެރިކާގެ ހުރިހާ ސިފައިން ސޫރިޔާއިން ބޭލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާކަމަށެވެ. އެމެރިކާ ސިފައިން ސޫރިޔާއިން ބާލަން ނިންމީ ސޫރިޔާގެ އިރުއުތުރުގައި ތުރުކީ ސިފައިން ކުރިޔަށްގެންދާ ހަނގުރާމައިގެ ޙަރަކާތްތަކަށް ރުހިގެންނޫންކަމަށާ އެގޮތަށް ނިންމަންޖެހުނީ އެމެރިކާ ސިފައިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންކަމަށް އެސްޕާ ވިދާޅުވިއެވެ. އަދި، ސޫރިޔާ ކުރުދީންގެ ވައިޕީޖީ ޖަމާޢަތުންވަނީ އެ ޖަމާޢަތުގެ ކޮންޓްރޯލްގެ ދަށުގައިވާ މަންބަޖް ސިޓީއަށް ވަނުމުގެ ފުރުޞަތު ސޫރިޔާ ސަރުކާރު ސިފައިންނަށް ދިނުމަށް ނިންމާފައެވެ. މިއާއެކު ސޫރިޔާ ސިފައިންގެ ފައުޖުތައް މަންބަޖްގެ ކައިރީގައި ޙަރަކާތްތެރިވަމުންދާކަމަށް ރިޕޯޓްތައްބުނެއެވެ.

މިދިޔަ ހަފުތާގައި ތުރުކީ ސިފައިން ސޫރިޔާގެ އިރުއުތުރަށް ވަދެ، ދެމުންގެންދާ ޙަމަލާތަކުގެ ބޭނުމަކީ އެމެރިކާގެ މަދަދު ލިބިގެން އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިން ބަލިކޮށް، ތުރުކީވިލާތުގައި ތިބި ސޫރިޔާގެ ރެފިއުޖީން އެ ސަރަޙައްދުތަކުގައި ވަޒަންވެރިކުރުވުންކަމަށް އެ ޤައުމުން ބުނެއެވެ. ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވަނީ އެ މަޤްޞަދު ޙާޞިލުނުވަނީސް ސޫރިޔާގައި ތުރުކީ ސިފައިން ހިންގާ އަސްކަރީ ޙަރަކާތްތައް ހުއްޓާނުލާނެކަމުގެ އިންޒާރުދެއްވާފައެވެ.