ޚަބަރު

ޗައިނާގައި އޮންނަ "އެއް ޤައުމު-ދެ ނިޒާމު"ގެ އުޞޫލާ ދެކޮޅު ޙަރަތާތްކަށް ދުލެއްނުދެވޭނެ: ކެރީ ލާމް


ޗައިނާގައި އޮންނަ އެއް ޤައުމު، ދެ ނިޒާމުގެ އުޞޫލާ ދެކޮޅަށް ހިންގާ ޙަރަކާތްތަކަށް ކުޑަވެސް ދުލެއްނުދެވޭނެކަމަށް ހޮންގްކޮންގެ ޗީފް އެގްޒެކެޓިވް ކެރީ ލާމް ވިދާޅުވެއްޖެއެވެ.

ހޮންގްކޮންގްގެ ޤާނޫނުހަދާ މަޖިލީހުގައި އެ ސަރަޙައްދުގެ ސިޔާސަތާ ގުޅޭގޮތުން ދެއްވި އަހަރީ ޚިތާބުގައި ލާމް ވިދާޅުވީ ޗައިނާގައި އޮންނަ "އެއް ޤައުމު، ދެ ނިޒާމުގެ އުޞޫލު ހަލާކުކޮށްލުމަށް ރާވައިގެން ބަޔަކު މަސައްކަތްތަކެއް ކުރަމުންގެންދާކަމަށާ ނަމަވެސް އެކަން ކުރުމުގެ ފުރުޞަތު ނުދޭނެކަމަށެވެ. ލާމް ޚިތާބުދެއްވިއިރު ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުން އަޑުގަދަ ކުރަން ފެށުމުން ލާމްއަށްވަނީ ޚިތާބު ހުއްޓާލަން މަޖުބޫރުވެވަޑައިގެންފައެވެ.

މިއީ 1997ވަނަ އަހަރު އިނގިރޭސި އިސްތިޢުމާރުގެ ދަށުން ހޮންގްކޮންގް މިނިވަންވުމަށްފަހު ޗީފް އެގްޒެކެޓިވްގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ޤާނޫނުހަދާ މަޖިލީހުގައި ކުރިމަތިވި މިފަދަ ފުރަތަމަ މައްސަލަކަމަށް މުރާސިލުން ބުނެއެވެ.

ހޮންގްކޮންގްގައި މުޒާހަރާކުރާ ފަރާތްތަކުން މައިގަނޑު ފަސްކަމަކަށް އެދޭއިރު އޭގެ ތެރޭގައި ހޮންގްކޮންގްގައި ޢާއްމު އިންތިޚާބެއް ބޭއްވުމާއި މުޒާހަރާތަކާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރާ މައްސަލަ ތަޙްޤީޤްކުރުމާއި ބާރުގެ ބޭނުންކުރުމުގައި ޝާމިލްވާ ފުލުހުންނާ ދެކޮޅަށް ފިޔަވަޅުއެޅުން ހިމެނެއެވެ. ލާމް ހޮންގްކޮންގްގެ ޤާނޫނުހަދާ މަޖިލީހާ މުޚާތަބުކުރެއްވީ ހޮންގްކޮންގްގައި ހިނގަމުންދާ މުޒާހަރާތަކާ ގުޅޭގޮތުން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވުން 3 ބިލެއް ފާސްކޮށްފައިވަނިކޮށެވެ.

އެ ބިލްތައް ފާސްކުރުމުން ޗައިނާވަނީ ހޮންގްކޮންގްގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާކަމުގެ ތުޙުމަތު އެމެރިކާގެ މައްޗަށްކޮށްފައެވެ.