ޚަބަރު

ވިޔަފާރީގެ މައްސަލަތަކަށް ޙައްލު ހޯދުމުގައި ޗައިނާއާއި އެމެރިކާގެ ވިސްނުން އެއްގޮތް!


ޗައިނާއާއި އެމެރިކާއާއި ދެމެދު އުފެދިފައިވާ ވިޔަފާރީގެ އަރާރުމަށް ޙައްލުހޯދާނެ ގޮތާމެދު ދެ ޤައުމުގެ ވިސްނުން ވަރަށް އެއްގޮތްކަމަށް ޗައިނާ މީޑިއާ ގުރޫޕު ސީއެމްޖީން ބުނެފިއެވެ. ސީއެމްޖީން ބުނެފައިވަނީ ދެ ޤައުމުގެ ވިސްނުން އެކަމުގައި އެއްގޮތްކަމަށް ފެންނާތީ މައްސަލަ ޙައްލުކުރުމަށް ރަނގަޅު ފުރުޞަތެއް ލިބިފައިވާކަމަށެވެ.

ވިޔަފާރީގެ މައްސަލައިގައި އެމެރިކާއާއި ޗައިނާއާއި ދެމެދު ދެކެވޭ މަތީފެންވަރުގެ ވާހަކަތައް މިފަހަރު ފެށިގެން ދިޔައީ އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައެވެ. މި ބުރުގައި ދެކެވިގެންދިޔަ ވާހަކަތަކުގެ ތެރެއިން ދެ ޤައުމަށްވެސް ޙާސިލުވި އެއްކަމަކީ، ނުރުހެވޭ ގިނަ ކަންކަން ހުރި ނަމަވެސް، އުފެދިފައިވާ މައްސަލައަށް ޙައްލުހޯދުން މުހިންމުކަމަށް ނިންމުމެވެ. އެންމެ ފަހުން ދެކެވުނު ވާހަކަތަކަށްފަހު ދެ ޤައުމުން ވާހަކަތަކުގެ ނަތީޖާ މާނަކުރާ ގޮތް ތަފާތުވިނަމަވެސް، މައިގަނޑު ގޮތެއްގައި ދެ ޤައުމުގެ ވިސްނުން ދާދި އެއްގޮތްކަމަށް ފެނެއެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު ޖެހިގެންއުޅޭ ވިޔަފާރީގެ މައްސަލަތަކުގައި ގިނަ އޮޅުންތަކެއްވަނީ އަރައިފައެވެ. އެހެންކަމުން، ކުރު މުއްދަތެއްގެ ތެރޭގައި އެ މައްސަލަތައް ޙައްލުވާނެ ކަމަކަށް ނުބެލެވެއެވެ. މައްސަލަތައް ޙައްލުކުރުމަށް ވާހަކަދެކެވެމުންދާތާ އެއް އަހަރު ފަހުން މުދާ ގަނެވިއްކާ މީހުންނާއި މުދާ އުފައްދާ ފަރާތްތަކުގެ މަސްލަޙަތު އިސްކުރުމުގެ މުޙިއްމުކަން ދެ ޤައުމަށް މިހާރުވަނީ ވިސްނިފައެވެ.

އެއްބަސްވުމަކަށް އާދެވެންދެން ޚިޔާލު ތަފާތުވާ ކަންކަމާމެދު މަޝްވަރާކުރުން ހުއްޓާނުލާ ކުރިއަށް ގެންދަން ދެ ޤައުމުން ވެސް ވަނީ އެއްބަސްވެފައެވެ. މައްސަލަތައް ޙައްލުވާނެ އެންމެ ފަސޭހަ ގޮތަކީ އެއީ ކަމަށް ދެ ޤައުމުންވެސް ދެކެއެވެ.