ޚަބަރު

އިންޑޮނޭޝިޔާގައި ދުމުގެ ސަބަބުން އުޑުމަތި ބަނަވެ، ސްކޫލްތައް ބަންދުކޮށްފި


އިންޑޮނޭޝިޔާގެ ސުމަޓްރާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން ވައި ނުސާފުވެ، އުޑުމަތި ބަނަވެފައިވާތީ އެ ޤައުމުގެ ގިނަ ޕްރޮންވިންސްތަކެއްގައި ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްފިއެވެ. އިންޑޮނޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ނުރައްކާވާ މިންވަރަށް ޖައްވުގެ ތެރޭގައި ދުން ފެތުރިފައިވާތީ ރައްކާތެރިވެ ތިބުމަށެވެ.

ދެކުނު ސުމަޓްރާގެ ޕަލެމްބަން ސިޓީގެ ޖައްވުވަނީ އަޅިކުލައިގެ ދުމުން ފުރިފައެވެ. އަދި އެއްގަމު އުޅަނދުފަހަރު ދުއްވާ މީހުންނަށް މަގުމަތި ނުފެންނަވަރަށް ޖައްވުގެ ތެރޭގައި ދުން ވަނީ ފެތުރިފައެވެ. އިންޑޮނޭޝިޔާގެ ޚަބަރު ފަތުރާ އޭޖެންސީއެއްކަމަށްވާ އަންތަރާއިން ބުނެފައިވަނީ ސްކޫލްތައް ބަންދުކުރީ 3 ދުވަހަށްކަމަށެވެ. އަދި ދުމުގެ މައްސަލަ ޙައްލުނުވާނަމަ ސްކޫލްތައް ބަންދުކުރި މުއްދަތު އިތުރުކުރެވޭނެކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

އިންޑޮނޭޝިޔާގެ ނެޝަނަލް ޑިޒާސްޓަރ މިޓިގޭޝަން އޭޖެންސީގެ ތަރުޖަމާނު އެގަސް ވިބޮވޯ ވިދާޅުވެފައިވަނީ ޖަންގަލީގެ ބާރަސަތޭކަ ސަރަޙައްދެއްގައި އަލިފާން ރޯވެ އަނދަމުންދާކަމަށެވެ. އިންޑޮނޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން އަލިފާން ނިއްވުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން، ޖައްވުގައިވާ ވިލާތަކަށް ކެމިކަލް ޖަހައިގެން ވާރޭ ގިނައިން ވެހޭނެގޮތް ހެދުމާއި އަލިފާން ރޯވެފައިވާ ތަންތަނަށް ހެލިކޮޕްޓަރުންނާއި މަތިންދާބޯޓުތަކުން ފެން އޮއްސުން ހިމެނެއެވެ.