ޚަބަރު

އާ ސިޔާސަތުގައި ފޮރިން އިންވެސްޓަރުންނަށް ރާއްޖޭގައި ވިޔަފާރިކުރެވޭނެ ގޮތްތައް ކަނޑައެޅޭނެ - ވިސާމް


ފޮރިންއިންއިވެސްޓްމަންޓާއި ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލެވޭ ސިޔާސަތުގައި ފޮރިން އިންވެސްޓަރުންނަށް ރާއްޖޭގައި ކުރެވޭނެ ވިޔަފާރިތައް ކަނޑައަޅާނެކަމުގައި އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ކުރެވޭނެ ވިޔަފާރިތަކާއި، ވިޔަފާރި ކުރެވޭނެ ގޮތްތައް ޤާނޫނުގެ ދަށުން އެކުލަވާލާ ސިޔާސަތުގައި ބަޔާން ކުރާނެކަމަށެވެ.

އެ ސިޔާސަތު ކަނޑައެޅުމުގެ ބޭނުމަކީ ރާއްޖޭގައި ބޭރުގެ ފަރާތްތަކުން ކުރަމުންދާ ވިޔަފާރިތަކުގައި ޤާނޫނީ ގޮތުން ހޯދަންޖެހޭ ހުއްދަތައް ނަގައި، މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކުގެ ތެރެއިން ބޭރުގެ ފަރާތްތަކަށްވެސް ވިޔަފާރި ކުރެވޭނެގޮތް ތަނަވަސް ކުރުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކާއި، ބޭރުގެވިޔަފާރިތައް ދެނެގަތުމަށްފަސޭހަވެ ރަގަނޅު އުސޫލުތަކެއް ކަނޑައެޅިގެންދާނެކަމަޑް ވިސާމް ވިދާޅުވިއެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނަށް ގެނެވޭ ބޮޑެތި ބަދަލުތަކުގެ ސަބަބުން ވިޔަފާރި ރަޖިސްޓްރީ ކުރުމަށާއި، ހުރިހާ ވިޔަފާރިތަކެއް އެއްވިއުގައެއްގެ ތެރޭގައި ގެންގުޅުމަށް އިތުރުފަސޭހަތަކެއް ލިބިގެންދާކަމަށާ، ޤާނޫނު ވުޖޫދުވުމާއިއެކު ރާއްޖޭގައި އިމްޕޯޓް ވިޔަފާރި ކުރަމުންދާ ނުވަ ހާސް އަށް ސަތޭކަ ފަންސާސް ހަ ފަރާތުން ތިރީސް ދުވަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގައި އަލުން ރަޖިސްޓްރީ ކުރަންޖެހޭނެކަމަށް ވިސާމް ވިދާޅުވިއެވެ.

މިރަޖިސްޓްރީއަކީ ހަމައެކަނި އެވިޔަފާރިއެއް ކުރާ ތަނަކާއި، ކުރަނީ ކޮންބާވަތެއްގެ ވިޔަފާރިއެއްކަން އެގޭ ރަޖިސްޓްރީއެއް ކަމުގައި އޭނާ ވިދާޅުވިއެވެ. މި ޤާނޫނުނަކީ ރާއްޖޭގައި ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށްވެސް ވިޔަފާރި ރަޖިސްޓްރީ ކޮށްގެން ވިޔަފާރި ކުރުމަށް އެކުލަވާލެވޭ ޤާނޫނަކަށްވާއިރު މިޤާނޫނުގެ ދަށުން ކުންފުންޏާއި ބެހޭ ޤާނޫނާއ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނާއި، ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ އިތުރުން ޕާޓްނާޝިޕް ޤާނޫނު އެކުލަވާލެވިގެންދާނޭ ކަމުގައިވެސް ވިސާމް ވިދާޅުވިއެވެ.