ސިންގަޕޫރުގައި ކުރިއަށްދާ އައި.ޓީ.ބީ އޭޝިއާގެ 12 ވަނަ އެޑިޝަންގައި އެމްއެމްޕީއާރުސީއާއެކު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުން ބައިވެރިވެއްޖެއެވެ.
މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ތިންދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޓްރޭޑް ޝޯވ ކުރިއަށްދާނީ ސިންގަޕޫރުގެ މެރީނާބޭ ސޭންޑްސްގެ، ސޭންޑްސް އެކްސްޕޯ އެންޑް ކޮންވެންޝަން ސެންޓަރުގައެވެ. ރާއްޖެއިން މި ޓްރޭޑް ޝޯވގައި ބައިވެރިވެ ވަޑައިގަންނަވާ ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދެވެ.
އެމް.އެމް.ޕީ.އާރު.ސީއާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 17 ކުންފުންޏަކުން 32 ބޭފުޅަކު މި ޓްރޭޑް ޝޯވގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި ރިސޯޓް، ގެސްޓް ހައުސް، ލިވަބޯޑް އަދި ޓްރެވަލް އޭޖެންސީތައް ހިމެނެއެވެ.
އައި.ޓީ.ބީ އޭޝިޔާއަކީ ސައުތު އޭޝިއަން ރީޖަންގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ އިސްފަރާތްތަކާއި ސިންގަޕޫރު އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިކަމުގައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް ބައިވެރިވާ އޭޝިއާގެ އެންމެ ބޮޑު ޓްރޭޑް ޝޯވއެވެ. އެމްއެމްޕީއާރުސީން ބުނީ މި ޓްރޭޑް ޝޯވއަކީ އާސިއާން ސަރަހައްދުގެ ޓޫރިޒަމް ޓްރޭޑަށް އަމާޒުކޮށްގެން ހިންގޭ އެންމެ މުހިންމު ފެއާއަށްވާއިރު، މިއީ ސިންގަޕޫރާއި އާސިއާން ސަހަރައްދުގައި ރާއްޖެ އިތުރަށް އިޝްތިހާރުކޮށް، ވިޔަފާރި އިތުރަށް ފުޅާކުރެވިގެންދާނެ ގޮތްތަކާއި ބެހޭގޮތުން ބައިވެރިންނާއި ދާއިރާގެ އެކި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރުމަށް މަގުފަހިވެގެންދާނެ ފަހި ފުރުސަތެއްކަމަށެވެ.
މި ޓްރޭޑް ޝޯވގައި ރާއްޖޭގެ ތަމްސީލުކޮށްފައިވަނީ ޤުދުރަތީ އެތަކެއް ރީތި މަންޒަރުތަކާއި ސަޤާފަތް ދައްކުވައިދޭ ގޮތަށް 81 އަކަ މީޓަރުގެ ސްޓޭންޑެއްގައެވެ.
އެމްއެމްޕީއާރުސީން ބުނީ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރާތްކުރާ ފަރާތްތަކަށް ވާރޗުއަލް ރިއަލިޓީ މެދުވެރިކޮށް ރާއްޖޭގެ ރީތި މަންޒަރުތައް ބަލާލުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށެވެ.
އާސިއާން ސަރަޙައްދަކީ ރާއްޖެއަށް ގިނަ ފްލައިޓް ތަކެއް އަންނަ ސަރަހައްދެކެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން މި ސަރަޙައްދަށް އިޝްތިހާރުކޮށް ފަތުރުވެރިން އަންނަ ނިސްބަތް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް އެމްއެމްޕީއާރުސީން ދަނީ ކުރަމުންނެވެ.
މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ސިންގަޕޫރުން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އުޅެނީ ނުވަ ހާހަށްވުރެ މަތީގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12.7 އިންސައްތައިގެ ކުރިއެރުމެކެވެ.