ކުޅިވަރު

މި ސީޒަނުގައި މާޒިޔާ ބަލިނުވުމުގެ ސިލްސިލާއަށް އީގަލްސްއިން ނިމުން ގެނެސްފި


އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލާއެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ބަލިކުރި ފުރަތަމަ ޓީމަކަށް ކްލަބް އީގަލްސް ވެއްޖެއެވެ. މިރޭގެ މެޗަށް ނުކުތްއިރު މި ދެޓީމަކީ ލީގުގައި މިހާތަނަށް ހަމައެކަނި ބަލިނުވެ އޮތް ދެ ޓީމެވެ.

މި މޮޅާއެކު އީގަލްސް ވަނީ 10 މެޗުން 18 ޕޮއިންޓް ހޯދައި ތާވަލުގެ ދެ ވަނައަށް ކުރިއަށް ޖެހިލާފަ އެވެ. މެޗުން ބަލިވުމުން އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު މާޒިޔާއަށް ވަނީ ގެއްލިފަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ 10 މެޗުން ލިބުނު 23 ޕޮއިންޓާއެކު އެވެ. ލީގުގެ ތިން ވަނައިގައި އޮތީ މިއަދު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެ އެއްވަރުވި ކްލަބް ގްރީން ސްޓްރީޓްސް އެވެ. އެޓީމަށް 10 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.

މިރޭގެ މެޗަށް ނުކުތްއިރު އީގަލްސްގެ ކެޕްޓަން ހުސައިން ސިފާއު ޔޫސުފް (ކުރޯ) ހުރީ ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގަ އެވެ. އެކަމަކު ލީގުގައި އެންމެ ފަހުން އީގަލްސްއިން ކުޅުނު މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން މިރޭގެ މެޗުގައި ވަނީ ކުޅެފަ އެވެ. މިރޭގެ މެޗުގައި މާޒިޔާގެ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ކުޅެފައެއްނުވެ އެވެ. ސްޓެވާޓް މިވަގުތު ހުރީ ގައުމީ ޓީމާއެކު ރާއްޖޭން ބޭރުގަ އެވެ. ސްޓެވާޓްގެ އިތުރުން މިދިޔަ މެޗުގައި ކުޅުނު އަމްދާން އަލީ (އެންޑީ) ވެސް މިރޭ މާޒިޔާ ޓީމުން ނުފެނެ އެވެ. އަނިޔާއިން ރަނގަޅު ނުވާތީ މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ވެސް މިރޭ މާޒިޔާ ޓީމުގައި ހިމަނާފައެއްނުވެ އެވެ.

މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު މެޗު ފެށިގެން މާޒިޔާއިން ދިޔައީ އީގަލްސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެކަމަކު އީގަލްސް އިން ވަނީ އެޓީމަށް ލިބުނު ފުރުސަތުގެ ބޭނުންހިފައި ފުރަތަމަ ހާފުގައި އަލީ ފާސިރުގެ ގޯލުން ލީޑު ނަގައިފަ އެވެ. ހިސާމް ސަލީމް (ކޮކީ) ދިން ބޯޅަ ހޯދުމަށް ފަހު އޭރިޔާ ބޭރުގައި ހުރެފައި ވާތުފައިން ސެންޓޭ ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ.

މެޗުގެ ދެ ވަނަ ހާފުގައި އީގަލްސް އިން މަސައްކަތް ކުރީ ފަހަތުގައި މަޑުކޮށްގެން ލީޑުގައި އޮވެ މެޗު ނިންމާލުމަށެވެ. މި ހާފުގައި މާޒިޔާއިން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި ގޯލެއް ޖަހަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު މަރުޔާން ސެކުލޮސްކީ ބުނީ މެޗުގެ 95 އިންސައްތަ ކޮންޓްރޯލްކުރީ މާޒިޔާ އިން ކަމަށާއި މައްސަލަ އަކީ ގޯލެއް ނުޖެހުން ކަމަށް. ސެކުލޮސްކީ ބުނީ މާޒިޔާ ކުޅުންތެރިންނަށް މަރުހަބާ ކިޔާކަމަށާއި މެޗުން މޮޅުވާން ކުޅުންތެރިން ވަރަށް މަސައްކަތްކުރި ކަމަށެވެ. އަދި މާޒިޔާ ބަލިކުރުމުން އީގަލްސް އަށް ވެސް މަރުހަބާ ކިޔަން ޖެހޭ ކަމަށް ކޯޗު ބުންޏެވެ.

އީގަލްސްގެ ކޯޗު މޯހަން ބުނީ މެޗުން މޮޅުވި ކަމުގައި ވިޔަސް އޮތް ހިތާމަ އަކީ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ނާއިމް އާއި ދާދު އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުން ކަމަށެވެ. އަދި އީގަލްސް އިން މި މެޗުން މޮޅުވީ އާންމުކޮށް އެ ޓީމުން ކުޅޭ ގޮތާ ހިލާފަށް ޑިފެންސިވް ވިސްނުމެއްގައި ކުޅެގެން ކަމަށް މޯހަން ބުންޏެވެ.

ލީގުގެ ކުޅުން ދެން އޮންނާނީ އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހު އެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓްރީ އާއި ވިކްޓްރީ ވާދަކުރާއިރު އެރޭ ކުޅޭނީ އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އާދީއްތަ ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ނިލަންދޫ އެވެ.