ވިޔަފާރި

ދުނިޔޭގެ އިޤްތިޞާދު ކުރިއަރާ ދުވެލި ދަށަށް!


ދުނިޔޭގެ އިޤްތިޞާދު ކުރިއަރާ ދުވެލި މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައިވާކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފްއިން ހާމަކޮށްފިއެވެ.

އައިއެމްއެފްއިން ބުނާގޮތުން 2008 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމަށްފަހު، މިއީ ދުނިޔޭގެ އިޤްތިޞާދީ ދުވެލި މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރުކަމަށެވެ. އެގޮތުން މިއަހަރު ދުނިޔޭގެ އިޤްތިޞާދު 3.2 އިންސައްތަ ކުރިއަރާނެކަމަށް މިއަހަރުގެ ޖުލައިމަހު ލަފާކުރެވުނު ނަމަވެސް، ދުނިޔޭގެ އިޤްތިޞާދު މިހާރު ކުރިއަރާނެކަމަށް ލަފާކުރަނީ 3 އިންސައްތައަށްކަމަށް އައިއެމްއެފްއިން ލަފާކުރެއެވެ.

ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ހީނަރުކަމުގެ މައިގަނޑު ސަބަބަކީ ވިޔަފާރި ހަނގުރާމަތަކާއި ޖިއޯޕޮލިޓިކަލް މައްސަލަތަކާއި އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މައްސަލަކަމަށެވެ. އަދި މިމައްސަލަތަކަށް އަވަސް ހައްލެއް ގެނައުން ވަރަށް މުހިއްމުކަމަށް އައިއެމްއެފްއިން ބުނެއެވެ.

އައިއެމްއެފްއިން ދުނިޔޭގެ އިޤްތިޞާދު ކުރިއަރާ ދުވެލި ދަށްވާނެކަމަށް ލަފާކޮށްފައިވާއިރު، ކުރިއަރާފައިވާ ޤައުމުތަކުގެ އިޤްތިޞާދު ކުރިއަރާ މިންވަރު 2.3 އިންސައްތައިން 1.7 އިންސައްތައަށް މިއަހަރު ދަށްވާނެކަމަށްވެސް އައިއެމްއެފްއިން ލަފާކުރެއެވެ. އެގޮތުން އެމެރިކާގެ އިޤްތިޞާދީ ކުރިއެރުން 2.9 އިންސައްތައިން 2.4 އިންސައްތައަށް، އަދި އިނގިރޭސިވިލާތުގެ އިޤްތިޞާދީ ކުރިއެރުން 1.4 އިންސައްތައިން 1.2 އިންސައްތައަށް ވެއްޓޭނެކަމަށް އައިއެމްއެފްއިން ބުނެއެވެ. މީގެ އިތުރުން ޗައިނާގެ އިޤްތިޞާދީ ކުރިއެރުން 6.6 އިންސައްތައިން 6.1 އިންސައްތައަށް، އަދި ޖަރުމަންވިލާތުގެ އިޤްތިޞާދީ ކުރިއެރުން 1.5 އިންސައްތައިން 0.5 އިންސައްތައަށް ދަށްވާނެކަމަށްވެސް އައިއެމްއެފްއިން ލަފާކުރެއެވެ.

އައިއެމްއެފްއިން ބުނާގޮތުން އިޤްތިޞާދަށް އަންނަ ހީނަރުކަން ކިރިޔާވެސް ކުޑަވަމުންދަނީ މަރުކަޒީ ބެންކުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ. އެގޮތުން އިންޓްރެސްޓް ރޭޓް ކުޑަކުރުންފަދަ ކަންކަން ނުކުރާނަމަ ދުނިޔޭގެ އިޤްތިޞާދު މިއަށްވުރެވެސް ހީނަރުވެގެންދާނެކަމަށް އައިއެމްއެފްއިން ލަފާކުރެއެވެ.

އައިއެމްއެފްއިން ބުނާގޮތުން އަންނަ އަހަރު އިންޑިއާ، ތުރުކީ، އީރާން އަދި އާޖެންޓީނާފަދަ ދުނިޔޭގެ ބައެއް ބޮޑެތި އިޤްތިޞާދުތައް ހަމައަކަށް އެޅުވިއްޖެނަމަ، ދުނިޔޭގެ އިޤްތިޞާދު ކުރިއަރާ މިންވަރު ހަލުވިވުމުގެ ފުރުޞަތު އެބައޮތްކަމަށެވެ.