ޚަބަރު

ހޮންގްކޮންގްގައި މުޒާހަރާކުރާ ފަރާތްތަކަށް ދޫދިނުމެއް ނޯންނާނެ: ކެރީ ލާމް


ހުޅަނގުގެ ޑިމޮކްރަސީ ތަޢާރަފުކުރުމަށް ގޮވާލައި ހޮންގްކޮންގްގައި މުޒާހަރާކުރާ ފަރާތްތަކަށް ދޫ ނުދޭނެކަމަށް އެ ސަރަޙައްދުގެ ވެރިޔާ ކެރީ ލާމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ލާމް ވިދާޅުވީ ހަރުކަށިކަން ކުރިޔަށްނެރެ، މުޒާހަރާކޮށްގެން ބޭނުންވާ ކަންކަން ޙާޞިލުކުރެވޭނެކަމަށް ހީވާނަމަ އެއީ ކުށްހީއެއްކަމަށާ އެކަމަށް ފުރުޞަތު ނޯންނާނެކަމަށެވެ. ދޫދޭވަރަކަށް ހަރުކަށިކަން މައްޗަށްދާނެކަމަށް ވިދާޅުވެ ލާމްވަނީ ހަމަޖެހުން ނަގާލުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓުވާނެކަމުގެ އިންޒާރު ދެއްވާފައެވެ.

ހޮންގްކޮންގްގައި މުޒާހަރާކުރާ ފަރާތްތަކުން އެދޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހުޅަނގުގެ ޑިމޮކްރަސީ ތަޢާރަފުކޮށް ހޮންގްކޮންގްގައި ޢާއްމު އިންތިޚާބެއް ބޭއްވުމާއި ފުލުހުން މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރާ މައްސަލަ ތަޙްޤީޤްކުރުމާއި ބާރުގެ ބޭނުންކުރުމުގައި ޝާމިލްވާ ފުލުހުންނާ ދެކޮޅަށް ފިޔަވަޅުއެޅުން ހިމެނެއެވެ. އެހެންނަމަވެސް ހޮންގްކޮންގްގެ ވެރިކަމުގެ އިދާރާއިންވަނީ އެކަންކަމަށް ދެކޮޅުހަދައި، ބާރުގެ ބޭނުންކުރަނީ މުޒާހަރާކުރާ މީހުން ފުލުހުންނަށް ޙަމަލާދީ ތަންތަނުގައި ހުޅުޖަހައި ތަކެއްޗާއި ޢިމާރާތްތަކަށް ގެއްލުންދޭން ފެށުމުންކަމަށް ބުނެ، މުޒާހަރާކުރާ ފަރާތްތައް ކުށްވެރިކޮށްފައެވެ.

ހޮންގްކޮންގްގައި ކުރަމުންދާ މުޒާހަރާތަކަށް 4 މަސް ވާން ގާތްވެ، އެ ސަރަޙައްދުގެ އިޤްތިޞާދަށް އެކަމުގެ ނޭދެވޭ އަސަރު ވަނީ ފޯރަންފަށާފައެވެ.