ޚަބަރު

ބްރެކްސިޓްގެ މައްސަލައިގައި އެއްބަސްވުމަކަށް ޤާއިމުކުރަން ދަތި، ނަމަވެސް ހަނި ފުރުޞަތެއް އެބައޮތް: ބާނިއަރ


ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުގެ މައްސަލައިގައި އެއްބަސްވުމެއް ޤާއިމުކުރަން ދަތި ނަމަވެސް އެކަމަށް އަދިވެސް ހަނި ފުރުޞަތެއް އެބައޮތް ކަމަށް އެ އިއްތިޙާދުގެ ބްރެކްސިޓާބެހޭ ޗީފް ނެގޯޝިއޭޓަރ މިޗެލް ބާނިއަރ ވިދާޅުވެއްޖެއެވެ.

ބްރެކްސިޓްގެ މައްސަލައިގައި ވިލާތުގެ އިސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ އިތުރު ބައްދަލުވުމަކަށް ބްރަސަލްސްއަށް ވަޑައިގެން ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ބާނިއަރ ވިދާޅުވީ ބްރެކްސިޓްގެ ތާރީޚު ކުޑަތަންވެފައިވާއިރު އެއްބަސްވުމަކަށް ދިޔުމުގެ ފުރުސަތުވެސް ވަރަށް ކުޑަކަމަށެވެ. މިއާއެކު ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް އެހެން ތާރީޚެއް ކަނޑައެޅުމާމެދު ބުރާސްފަތި ދުވަހު ބާއްވާ ވިލާތުގެ އިސްވެރިންގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެކަމަށް ބާނިއަރ ވިދާޅުވިއެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުގެ މަޖިލީހުގެ ލީޑަރު ޖޭކޮބް ރީސް-މޮގް ވިދާޅުވީ އެއްބަސްވުމަކާނުލައި ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވާން މަޖިލީހުގެ ގިނަ މެންބަރުން ބޭނުންނުވާކަމަށެވެ. އަދި މަޖިލީހުގެ ގިނަ މެންބަރުން ތާޢީދުކުރަނީ އެއްބަސްވުމެއްގެ ދަށުން ބްރެކްސިޓްގެ ކަންތައް ނިންމުމަށްކަމަށް ރީސް-މޮގް ވިދާޅުވިއެވެ.

ނަމަވެސް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ އޮކްޓޯބަރު 31ގެ ކުރިން ވިލާތުގެ އިއްތިޙާދާއެކު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްބަސްވުމަކާނުލައި އެކަން ކުރުމަށް ނިންމަވާފައެވެ. އަދި ބްރެކްސިޓް ފަސްކޮށް އެކަމަށް އެހެން ތާރީޚެއް ކަނޑައެޅުމަށްވެސް ޖޮންސަންވަނީ ތަކުރާރުކޮށް ދެކޮޅުހައްދަވާފައެވެ.