މަހު ކުލީގެ ގޮތުގައި 3000 ރުފިޔާ ކަނޑައަޅާ ސްޕްރީމް ކޯޓު ކުރިމަތީގައި އަލަށް ހެދި ޕާކިން ޒޯންގައި ޕާކުރުމުގެ ހުއްދަ ދީފިއެވެ. ހަތަރު ފުރޮޅުލީ އުޅަނދަށް ޚައްސަކޮށްގެން ހުޅުވާލި މި ތަނުގައި 40 އުޅަނދެއް ޕާކްކުރެވޭނެއެވެ.
ސްޕުރީމްކޯޓު ކުރިމަތީގައި ހަދާފައިވާ ޕާކިން ޒޯނުގައި ފީދައްކައިގެން ޕާކްކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުން 104 ފަރާތެއް ވަނީ ކުރިމަތިލާފައެވެ. މި ސަރަހައްދުގައި 40 އުޅަނދު ޕާކުކުރެވޭނެ ޖާގަ އޮތުމުން ޖާގަ ކަނޑައަޅާފއިވަނީ ކުރިމަތިލީ މީހުންގެ މެދުގައި ނެގި ގުރުއަތަކުންނެވެ.
މި ސަރަހައްދުގައި ޕާކުކުރާ އުޅަނދުތަކުން މަހަކަށް 3000 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ފައިސާ މަހަކު އެއްފަހަރު ނުވަތަ އެއްފަހަރާއި ދެކޭނެ އިންތިޒާމުތައްވެސް ސިޓީ ކައުންސިލުންވަނީ ހަމަޖައްސާފައެވެ.
މާލޭ ސިޓީގެ މޭޔަރ ސިޕާ މުހައްމަދު ވިދާޅުވީ ޕާކިން ޒޯނުން ޖާގަ ލިބުނު ފަރާތަކަށް ވަރަށް އަވަހަށް އެ ސަރަހައްދުގައި ޕާކު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށެވެ. އަދި މި ސަރަހައްދުގައި ޕާކުކުރާ އުޅަނދުތައް ބަލަހައްޓަމުން ގެންދާނެކަމަށާއި ޕާކުކުރުމަށް ހުއްދަ ލިބުނު ފަރާތްތަކުން މަހު ފީ ނުދައްކާނަމަ ވަކި މުއްދަތަކަށް ބެލުމަށްފަހު އެ އުޅަނދެއް ޓޯ ކުރާނެކަމަށްވެސް ސިފާ ވިދާޅުވިއެވެ.
މާލޭގައި ވެހިކަލްތައް ގިނަވެ ޕާކިން މައްސަލައެއް ހައްލެއް ހޯދާދިނުމަށް ސިޓީ ކައުންސިލުން އަންނަނީ އެކި ސަރަހައްދުތަކުގައި ޕާކިން ޒޯންތައް ހަދަމުންނެވެ. މީގެތެރޭގައި ހިލޭ ޕާކުކުރެވޭނެ ސަރަހައްދުތަކައި ފީ ދައްކައިގެން ޕާކުކުރެވޭނެ ސަރަހައްދުތައްވެސް ހިމެނެއެވެ. މީގެއިތުރުން މާލޭގައި އެންމެ ބާރު ބޮޑު ސަރަހައްދުތަކުގައި ޕާކިން ޒޯންތައް ހެދުމުގެ އިތުރުން ޓްރެފިކަމް މައްސަލަތައް ހައްލުކުރުމަށް ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށްވެސް އަންނަނީ ބަދަލުތައް ގެންނަމުންނެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ޕާކިން ޒޯންތައް ތަރައްޤީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. މިގޮތުން ފީ ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުރާނެ ޒޯނެއް ހުޅުމާލޭގައި ހެދުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.