ވިޔަފާރި

ނެޝަނަލް ސިންގަލް ވިންޑޯ ނިޒާމުގެ ތެރެއިން 7 މުއައްސަސާއެއް ގުޅާލަނީ


ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "ނެޝަނަލް ސިންގަލް ވިންޑޯ" ނިޒާމްގެ ދަށުން މުހިއްމު 7 މުއައްސަސާއެއް އެއް ވިއުގަޔަކުން ގުޅާލެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއްގެ ދަށުން މިދިޔަ އާދީއްޔަދުވަހު އުފެއްދެވި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެކެވެ. އަދި އެކުންފުނީގެ ދަށުން އޮޕަރޭޓްކުރުމަށް ހަމަޖެހިފައިވާ ނެޝަނަލް ސިންގަލް ވިންޑޯ ނިޒާމަކީ އިމްޕޯޓް، އެކްސްޕޯޓް އަދި ޓްރާންސިޓް މުދާ ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމަށް ލުއި ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާ ވިއުގައެކެވެ.

އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "ނެޝަނަލް ސިންގަލް ވިންޑޯ" ނިޒާމް ވެގެންދާނީ އެއް އައިޓީ ވިއުގައަކުން އިމްޕޯޓް، އެކްސްޕޯޓް އަދި ޓްރާންސިޓް މުދާ ކްލިއަރ ކުރުމަށް ހުށަހަޅާ ޑިކްލަރޭޝަންތަކާއި ސަރުކާރުގެ އެކި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ހަލުވިކަމާއެކު ލިބިގެންދާނެ ނިޒާމަކަށެވެ. މި ނިޒާމުގެ ތެރެއިން، ވިޔަފާރިވެރިންނާއި ލޮޖިސްޓިކްސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމުގައި ސަރުކާރުގެ ވުޒާރާތަކާއެކު ކުރެވޭ މުޢާމަލާތްތައް، ފަސޭހަކަމާއެކު ކުރުމަށް އެހީތެރިވެދޭނެއެވެ.

ސިންގަލް ވިންޑޯގެ މަޝްރޫޢުގެ ދަށުން، ބޯޑަރުގައި ހަރަކާތްތެރިވާ މުހިއްމު 7 މުއައްސަސާއެއްގެ އައިޓީ ސިސްޓަމްތައް، އެއް ވިއުގައެއްގެ ގޮތުގައި ގުޅުވާލެވިގެންދާނެއެވެ. މިގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މިނިސްޓްރީގެ އޮފް ޑިފެންސްގެ އައިޓީ ނިޒާމުތައް ގުޅުވާލެވިގެންދާނެއެވެ.

ސިންގަލް ވިންޑޯގެ ނިޒާމު ޤާއިމުވެގެން ދިއުމާއެކު، މުދާ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމަށް ސަރުކާރުގެ އެކި އެކި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ހޯދުމަށް، އެ އިދާރާތަކަށް ޒިޔާރަތްކޮށް ވަކިވަކިން ހޯދަންޖެހޭ ގޮތަށް މިހާރު އޮތް އޮތުން ނިމުމަކަށް ގެނެވެނޭއެވެ. އަދި އޮޓަމޭޓްކުރެވިފައިވާ ސިންގަލް ވިންޑޯގެ ނިޒާމުގެ ތެރެއިން މުދާ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމަށް ބޭނުންވާ ޑިކްލަރޭޝަނާއި، ސަރުކާރުގެ އެކި އިދާރާތަކުން ނަގަންޖެހޭ ހުއްދަތަކަށް އޮންލައިންކޮށް ހުށައެޅުމުގެ އިތުރުން، ޑިއުޓީ އަދި އެހެނިހެން ފީތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމުތައް ވިޔަފާރިވެރިންނަށް ފަހިވެގެންދާނެއެވެ. އެހެންކަމުން، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންއިން ދެވޭ ހިދުމަތްތަކާ ގުޅިގެން، މުދާ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމުގައި ވިޔަފާރިތަކުން ހޭދަކުރާ ވަގުތާއި ޚަރަދު ކުޑަކުރެވި، މީގެ ނަފާ ދިވެހި ވިޔަފާރިވެރިންނަށާއި ކޮންސިއުމަރުންނަން ކުރިމަގުގައި ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މި ނިޒާމުގެ ސަބަބުން، ބޯޑަރުގައި ހަރަކާތްތެރިވާ ސަރުކާރުގެ ރެގިއުލޭޓަރީ އިދާރާތަކުގެ މެދުގައި ފަސޭހަކަމާއެކު މައުލޫމާތު ބަދަލުކުރެވި، މުދާ އިމްޕޯޓް އަދި އެކްސްޕޯޓްކުރުމުގެ ރެގިއުލޭޓަރީ މަސައްކަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް އިކޮނޮމިކް މިިނިސްޓްރީން ބުނެއެވެ. ސިންގަލް ވިންޑޯގެ މަޝްރޫޢުގެ ދަށުން މިހާރު އެންމެ އިސްކަމެއް ދެވިގެން މަސައްކަތްކުރަމުންދަނީ، 7 މުއައްސަސާގެ ތެރެއިން މެނުއަލްކޮށް ޚިދުމަތް ފޯރުކޮށްދޭ މުއައައްސަސާތަކުގެ އައިޓީ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތްތައް ފުރިހަމަކުރުމަށްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި އެމަސައްކަތް ނިންމާ، ނޮވެމްބަރުމަހުގެ ކުރިން ލޯންޗްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރަމުންދާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި ސިންގަލް ވިންޑޯގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް 2020 ގެ ނިޔަލަށް ނިންމާލެވޭނެއެވެ. އަދި 2 ވަނަ ފިޔަވަހީގެ މަސައްކަތްތައް 2021 ގެ ނިޔަލަށް ނިންމާލުމަށް ތާވަލުކުރެވިފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.