ކުޅިވަރު

"ސޮފީ ކޯޗު"ގެ ޓީމްތައް ހޭންޑްބޯޅަ މުބާރާތްތައް ފަތަޙަކުރަނީ!


ހޭންޑްބޯޅައަކީ މިހާރު މުޅި ރާއްޖޭގައި މިދިޔަ ދެ ތިން އަހަރަށް ބަލާއިރު އެންމެ ގިނަ ބަޔެއްގެ ޝައުގުވެރިކަން ހޯދައި އެންމެ މަގުބޫލުކަން ހޯދި ކުޅިވަރެވެ. އަތޮޅުތަކުގައިވެސް ބާއްވާ ހޭންޑްބޯޅަ މުބާރާތްތައް ގިނަަވަމުން އަންނައިރު، ސްކޫލްތަކުގެ ޓީޗަރުންނާއި، ބެލެނިވެރިންނާއި، އަދި ޅަ އުމުރުފުރާތަކުގެ ކުދިންވެސް މި ކުޅިވަރު ނިސްބަތް އަންނަނީ އިތުރުވަމުންނެވެ.

"ވައިގައި ހިފަމުން" އަންނަ ހޭންޑްބޯޅަ ކުރިއަރުވައި އައު ކުޅުންތެރިން މިކަމުގެ ތެރެއަށް ނެރުމަށް ގިނަ ކޯޗުންތަކެއް އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އިންޓަރ ސްކޫލް ވިޔަސް، ޤައުމީ މުބާރާތެއް ވިޔަސް، އޮފީސް މުބާރާތެއް ވިޔަސް އަދި އިންޓަރ ކްލާސް މުބާރާތެއް ވިޔަސް މިކަމުގައި ފޫހިކަމެއްނެތި ހަރަކާތްތެރިވާ ކޯޗުންގެ އަދަދު މަދެއް ނޫނެވެ. އޭގެ ތެރެއިންވެސް މިހާތަނަށް ރާއްޖޭގައި ހޭންޑްބޯޅައިގައި އެންމެ ގިނަ ކާމިޔާބީތައް ހޯދި ކޯޗަކީ ކޮބައިތޯ ބަލައިފިނަމަ އެންމެ ކުރިން ޖާގަ ހޯދާނީ އަލީ ސޮފީހު ނުވަތަ ސޮފީ ކޯޗެވެ.

ސޮފީއަކީ ކުރިއްސުރެ ބާސްކެޓްބޯޅައިގެ މީހެކެވެ. އެހެންނަމަވެސް 2015އިން ފެށިގެން ހޭންޑްބޯޅަ ކޯޓުތަކުން އޭނާގެ ވިދުން މާގަދައެވެ. މިގޮތުން މިހާތަނަށް ބޭއްވި 7 ޤައުމީ މުބާރާތުގެ ތެރެއިން 4 މުބާރާތެއްގެ ރަން މެޑަލް އޭނާގެ އަތުގައި އެބައޮތެވެ. 2016އިން ފެށިގެން ޤައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެންބައިގައި އޭނާ އިރުޝާދުދިން ޓީމް އަތުން އެއްވަނަ ޖަހައިގަނެވޭނެ ގޮތެއް އަދި ނުވެއެވެ.

މިހާތަނަށް ހަތަރު ފަހަރު އިންޓަރ އޮފީސް ހޭންޑްބޯލަ މުބާރާތް ބާއްވާފައިވާއިރު، މިދިޔަ ތިން އަހަރު ޗެމްޕިއަންކަން ހޯދީ ސޮފީ އިރުޝާދުދިން އެމްޕީއެލް ޓީމެވެ. އިންޓަރ ސްކޫލް މުބާރާތުގެ ވާހަކަދެއްކިޔަސް އޮތީ މިހާރު އެންމެ ކުރީގައި އޮތީ ސޮފީ އިރުޝާދުދޭ ޖަމާލުއްދީން ސްކޫލެވެ. 05 އަހަރު ހޭންޑް ބޯޅައިގެ އިންޓަރ ސްކޫލް ބާއްވާފައިވާއިރު، ސޮފީ ކޯޗުކަންކޮށްދިނީ ތިން މުބާރާތުގައެވެ. މިއަހަރު މުބާރާތުގައި ޖަމާލުއްދީނުން 5 ޓީމް ބައިވެރިވިއެވެ. އޭގެ ތެރެއިން 4 ތަށި ހޯދައި އެންމެ ކާމިޔާބު ކޯޗުގެ ޝަރަފު ހޯދީ ފަސޭހަކަމާއިއެކުގައެވެ.

ޤައުމީ ހޭންޑްބޯޅަ ޓީމުގައިވެސް ސޮފީ މިހާތަނަށް ކޯޗުކަން ނުކޮށްދޭ ކުޅުންތެރިއަކު މަދެވެ. މިވަގުތު ރާއްޖޭގެ ކޯޗުންގެ ތެރެއިން ކޯޗިންގގެ އެންމެ މަތީ ފާސް އޮތް ކޯޗުންގެ ތެރޭގައިވެސް ސޮފީ ހިމެނެއެވެ. ސޮފީގެ މި ހުރިހާ ކާމިޔާބީއެއްގެ ސިއްރަކީ ކޮބައިހެއްޔެވެ؟

އޭނާ އިރުޝާދުދިން ކުޅުންތެރިން ގަބޫލުކުރާ ގޮތުގައި ސޮފީއަކީ ނަމޫނާ ކޯޗެކެވެ. ޕްރެކްޓިސްއަށް ކުޅުންތެރިންނަށްވުރެ އަވަހަށް ސޮފީ ހާޒިރުވާނެއެވެ. ކުޅުންތެރިންނަށް އެއްޗެއް ކިޔައިދޭ އެއްޗެއް ނޭނގިގެން އުޅެކަށް ނުޖެހެއެވެ. އަމިއްލައަށް އެގޮތަށް ކުޅެ އެ މަންޒަރު އޭނާ ދައްކައެވެ. ސޮފީގެ މިޒާޖަކީވެސް އެންމެންނާއި ގުޅޭ މަޖާ މިޒާޖެކެވެ. ކުޅުންތެރިން ގެންގުޅެން އޭނާއަށް އިނގެއެވެ. މޯޓިވޭޓްކުރަން އިނގެއެވެ. އޭނާ ކޯޗުކަން ކޮށްދީފައިވާ ކުޅުންތެރިން އަހަރަކަށްވުރެ އަހަރެއް ކުރިއެރުން ހޯދަމުން އަންނަތަންވެސް ފެނެއެވެ. މިއަހަރު އެކަނި ސޮފީ ހޯދާފައިވާ ކާމިޔާބީތަކަކީވެސް ފަސޭހަ މަސައްކަތެއް ނޫނެވެ. އޭނާގެ ބުރަ މަސައްކަތަށް ގިނަ ބައެއްގެ ޝުކުރު ހައްގުވަނީ އެހެންވެއެވެ.

"ސޮފީ ކޯޗުކަންކޮށްދޭ ޓީމް އެންމެ ދަށްވެގެން ފައިނަލް ކުޅޭނެ!" މިއީ ތޯތޯއަކަށް ބުނެ އުޅޭ ވާހަކައެއް ނޫންކަން މިދިޔަ ތިން އަހަރުވެސް އޭނާ ސާބިތުކޮށްދީފިއެވެ.