ޚަބަރު

އައްޑޫ ސިޓީގެ އާންމު ހާލަތު ދަނީ ރަނގަޅުވަމުން - މޭޔަރ


އައްޑޫ ސިޓީގެ އާންމު ހާލަތު ވިއްސާރައަށް ފަހު، މިހާރު ރަންގަޅު ވަމުންދާކަމަށް އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސޯދިޤް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ހަފްތާ ބަންދުގައި ބޯކޮށް ވާރޭވެހި ހުރިހާ އަވަށެއްގައިހެން ވަނީ ފެންބޮޑުވެފައެވެ. މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީގެ ގިނަ ރަށްތަކެއްގެ ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަށް ވަނީ ލިބިފައެވެ.

އައްޑޫ ސިޓީގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫސިޓީ މޭޔަރ ޢަބްދުﷲ ސޯދިޤް ވިދާޅުވީ އައްޑޫގެ އާންމު ހާލަތު މިހާރު ރަންގަޅު ވަމުން އަންނަ ކަމަށެވެ. އަދި ވަގުތީ ހިޔާތަކަށް ބަދަލުކުރި މީހުންގެ ތެރެއިން އެއް ގޭގެ މީހުން ފިޔަވައި ދެންތިބި ގެތަކުގެ މީހުން އަނބުރާ އެމީހުންގެ އެގެތަކަށް މިހާރު ގޮސްފައިވާ ކަމަށެވެ. އަދި މިހާރު ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ގޭގެ މީހުންވެސް މިއަދުގެ ވަގުތެއްގައި އެމީހުންގެ ގެއަށް ބަދަލުވެވޭ ވަރުވާނެ ކަމަށެވެ.

އައްޑޫ ސިޓީގެ މޭޔަރ ވިދާޅުވީ، އެހާ ބޮޑަށް ފެން ބޮޑުވީ ވެލި މަގުތަކަށްވުރެ ގެތައް ތިރިވުމުންކަމަށެވެ. އަދި ފެން ހިންދޭނެ ގޮތެއް ނެތުމުން ފެން ބޮޑުވެ ޖަނކްޝަންތައް ފުރި ފާޚާނަތަކުގައިވެސް މައްސަލަޖެހެން ދިމާވިކަމަށް މޭޔަރ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ވަނީ މިފަދަ ކާރިޘާ ތަކަށް ތައްޔާރުވެ، ތިރިކޮށް ހުރި ގެތަށް އުސް ކުރުމަށް އިލްތިމާސް ކޮށްފައެވެ. މިއީ މިފަހަކަށް އައިސް ވާރޭވެހި އައްޑޫސިޓީއަށް އެންމެ ބޮޑަށް ގެއްލުންވި ފަހަރެވެ. ގާތްގަނޑަކަށް 280 އަށް ވުރެ ގިނަ ގޭގެއަށް ފެނުގެ އަސަރުކޮށް ބައެއް ގޭގޭގެ ހިފާ ގެންގުޅޭ ސާމާނާއި ބައެއް ގެތަކުގައި ބޭނުން ކުރާ ފަރުނީޗަރަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުން ތަށް ބަލާލުމަށް ޑިފެން މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ އައްޑޫގެ އަވަށްތަކަށް ޒިޔާރަތް ކުރައްވާ އާންމު ހާލަތު ބައްލަވާލައްވާފައެވެ.