ޚަބަރު

ތޫނިސްގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިމިއްޖެ


ތޫނިސްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިމިއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ޤާނޫނީ ދާއިރާގެ ޕްރޮފެސަރެއްކަމަށްވާ ގައިސު ސައީދާއި ގަލްބު ތޫނިސް ޕާޓީގެ ޒައީމް ނަބީލް އަލްގުރަވީއެވެ.

ގައިސު ސައީދުއާއި ނަބީލް އަލްގުރަވީއަކީ މިދިޔަ މަހުގެ ކުރީކޮޅު ތޫނިސްގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ކެންޑިޑޭޓުންނެވެ. މުސްތަޤިއްލު ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެއްވި ގައިސު ސައީދަށް ވޯޓުގެ %18.4 ލިބިވަޑައިގެންނެވިއިރު އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ނަބީލް އަލްގުރަވީއަށް ލިބިވަޑައިގެންފައިވަނީ %15.6އެވެ.

ގުރަވީއަކީ ތޫނިސްގެ ސިޔާސީ ޕާޓީއެއްކަމަށްވާ ގަލްބު ތޫނިސްގެ ޒަޢީމެވެ. ތޫނިސްގެ ފަޤީރުންނަށް އެހީވުމުގެ ގިނަ މަޝްރޫޢުތައް އަމިއްލައަށް ހިންގަވާ ގުރަވީއަކީ ތޫނިސްގެ މެދުފަންތިއާއި ފަޤީރުންގެ މެދުގައި ވަރަށް މަޤުބޫލު ބޭފުޅެކެވެ. ތޫނިސްގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ އިންތިޚާބު ބޭއްވިއިރު ގުރަވީ ހުންނެވީ މަނީލޯންޑްރިންއާއި ޓެކުހަށް މަކަރު ހެދުމުގެ ތުޙުމަތުގައި ޖަލުގައި ބަންދުކޮށްފައެވެ. ގުރަވީ މިނިވަންކޮށްފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާން ފެށުމުގެ ފަސްވަރަކަށް ދުވަސްކުރިންނެވެ.

އެހެންކަމުން ފުރަތަމަ ބުރުގައި ކޭންޕެއިން ކުރުމުގެ ފުރުޞަތު ގުރަވީއަށް އެއްކޮށް ގެއްލުނުއިރު ދެވަނަ ބުރުގައިވެސް އޭނާއަށް ލިބިވަޑައިގަތީ ކޭންޕެއިން ކުރުމަށް ކުޑަ ދުވަސްކޮޅެކެވެ. ގުރަވީގެ ކެނޑިޑެސީ ގެއްލިފައިނުވަނީ އޭނާގެ މައްޗަށް ކުރެވިފައިވަނީ ހަމައެކަނި ތުޙުމަތަކަށްވެފައި އަދި ސާބިތު ނުކުރެވޭތީއެވެ. ގުރަވީ މިދިޔަ ހަފުތާގައި މިނިވަންކުރުމަށް ކޯޓުން ނިންމީ އޭނާގެ މައްޗަށްކޮށްފައިވާ ތުޙުމަތުތައް ސާބިތުކުރުމަށް ބޭނުންވާ ވަރަށް ހެކި ނެތުމުންނެވެ.

ގުރަވީއަކީ ފަޤީރުންނަށް އެހީތެރިވުމުގެ މަޝްރޫޢުތައް ހިންގުމުގެ އިތުރުން ރޭޑިއޯއަކާއި ޓީވީ ޗެނަލެއްވެސް ހިންގަވާ ބޭފުޅެކެވެ. ދިގުމުއްދަތެއްގައި މީޑިއާގެ ވަޞީލަތްތައް ހިންގުމުގެ ސަބަބުން ގުރަވީ ވެފައިވަނީ ތޫނިސްގެ މީޑީއާގެ ދާއިރާގައި މުހިއްމު އަދި ނުފޫޒުގަދަ ޝަޚްސިއްޔަތަކަށެވެ.

ތޫނިސްގައި މިދިޔަ ސެޕްޓެމްބަރުމަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 27 ކެނޑިޑޭޓުން ވާދަކުރެއްވިއިރު އޭގެތެރޭގައި ގައިސު ސައީދާއި ނަބީލް އަލްގުރަވީއަށްވުރެ ސިޔާސީ ގޮތުން މާ ނުފޫޒުގަދަ އަދި ތޫނިސްގެ ބޮޑުވަޒީރުކަމާއި ވަޒީރުކަމާއި އެނޫންވެސް އިސް މަޤާމުތައް ދިގުމުއްދަތަކަށް އަދާކުރައްވާފައިވާ ގިނަ ކެނޑިޑޭޓުން ހިމެނިވަޑައިގެންނެވިއެވެ. ނަމަވެސް ފުރަތަމަ ބުރުން އެއިން އެއްވެސް ބޭފުޅަކަށްވެސް %15 ވޯޓުވެސް ލިބިވަޑައިގެންފައެއްނުވެއެވެ.

ތޫނިސްއަކީ ބަރުލަމާނީ ނިޒާމަށް ބައްޓަންކޮށްފައިވާ ޤައުމެކެވެ. އެހެންނަމަވެސް އެ ޤައުމުގެ ދަސްތޫރުގައި ރައީސުލްޖުމްހޫރިއްޔާއަށް ތަންފީޒީ ބޮޑެތި ބާރުތަކެއް ދީފައިވެއެވެ. އެހެންކަމުން ތޫނިސްގެ ރައީސަކީ ބަރުލަމާނީ ނިޒާމުތަކަށް ހިންގާ އެހެން ޤައުމުތަކުގައި އޮންނަފަދަ ރަމްޒީ މަޤާމެއްނޫނެވެ. އޭގެ ބަދަލުގައި ތޫނިސްގެ ރައީސަކީ ދަޢުލަތުގެ އެންމެ މަތީވެރިޔާގެ ހައިޘިއްޔަތުން ދަޢުލަތުގެ ތަންފީޒީ ބޮޑެތި ބާރުތަކެއް ލިބިވަޑައިގަންނަވާ ސިޔާސީ ގޮތުން ބާރުގަދަ ޝަޚްސިއްޔަތެކެވެ.

ތޫނިސްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން ބަލާ، މޮނިޓަރކުރުމަށް 700އަށްވުރެ ގިނަ ބޭރުގެ އޮބްޒާވަރުން ޙަރަކާތްތެރިވެއެވެ. ވޯޓުލުމަށް ގާތްގަނޑަކަށް 10،000 މަރުކަޒު ހުޅުވާފައިވާއިރު ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ޢަދަދު 7 މިލިޔަނަށް އަރާކަމަށް ތޫނިސްގެ އިންތިޚާބުތަކާބެހޭ އިދާރާއިން ބުނެއެވެ.