ޚަބަރު

ޙަމަލާތައް ސޫރިޔާގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ދިގުދެމިގެންދާނެ: އުރުދުޣާން


ސޫރިޔާގެ އިރު އުތުރުގެ ސަރަޙައްދުތަކަށް ތުރުކީ ސިފައިން މިހާރު ދެމުންގެންދާ ޙަމަލާތައް ސޫރިޔާގެ އެތެރެއިން 30 ކިލޯމީޓަރުގެ ފުންމިނަށް ދެމިގެންދާނެކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އިސްތަންބޫލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރުދުޣާން ވިދާޅުވީ ތުރުކީ ސިފައިންގެ ޙަމަލާތަކުގެ ފުންމިން ދެކުނުން 30 ކިލޯމީޓަރަށް ދާއިރު ދިގުމިން ސޫރިޔާގެ ހުޅަނގުގެ ރަށެއްކަމަށްވާ ކުބާނީން އެ ޤައުމުގެ އިރުމަތީ ރަށެއްކަމަށްވާ ހަސަކާއަށް ދާނެކަމަށެވެ. އުރުދުޣާން ވިދާޅުވީ ކުރިން ކުރުދީންގެ ވައިޕީޖީ ޖަމާޢަތުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ސޫރިޔާގެ ރައްސުލްޢައިން މިހާރުވަނީ ތުރުކީ ސިފައިންގެ އަތްދަށުގައިކަމަށެވެ.

ސޫރިޔާގެ އުތުރުގައި ޙަރަކާތްތެރިވާ ކުރުދީންގެ ޖަމާއަތްކަމަށްވާ ކަރޑިޝް ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓްސް (ވައިޕީޖީ)އަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް ސިފަކުރައްވަމުން އުރުދުޣާންވަނީ އެ ޖަމާޢަތާ ތުރިކީވިލާތުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ކުރުދީންގެ ޕީކޭކޭ ޖަމާޢަތާ ގުޅުން އޮންނަކަމަށް ތުރުކީ ސަރުކާރުން ކުރާ ތުޙުމަތުތައް ތަކުރާރުކުރައްވާފައެވެ.

ސޫރިޔާގެ އިރުއުތުރުގައި ތުރުކީ ސިފައިން ހިންގަމުންގެންދާ އަސްކަރީ ޙަރަކާތްތަކަށް ބައްލަވާލައްވަމުން އުރުދުޣާން ވިދާޅުވީ އެންމެ ފުރަތަމަ ތުރުކީ ސިފައިންގެ އަމާޒަކީ ރައްސުލްޢައިންއާއި ތެލް އަބްޔަޟްއާ ދެމެދުގައިވާ ސަރަޙައްދުތަކުން ވައިޕީޖީ ހަނގުރާމަވެރިން ބޭރުކުރުންކަމަށެވެ. އެއަށްފަހު ކުބާނީއާއި ހަސަކާއާ ދެމެދުގައިވާ 480 ކިލޯމީޓަރުގެ ކޮރިޑޯއިން ވައިޕީޖީ ހަނގުރާމަވެރިން ފައްސާލައި އެ ސަރަޙައްދު އަމާންކުރާނެކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.