ޚަބަރު

ތޫފާން ހަގިބިސްގެ ސަބަބުން ޖަޕާނުގައި މަރުވި މީހުންގެ ޢަދަދު 35އަށް އަރައިފި


ހަގިބިސްގެ ނަމުން ނަންދީފައިވާ ބާރުގަދަ ތޫފާން ޖަޕާނަށް އެރުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 35އަށް އަރައިފިއެވެ.

ޖަޕާނުގެ ދަޢުލަތުގެ މީޑީއާ އެން.އެޗް.ކޭއިން ބުނެފައިވަނީ ތޫފާން ހަގިބިސްގެ ސަބަބުން 17 މީހުން ގެއްލިފައިވާއިރު، 166 މީހުން ޒަޚަމްވެފައިވާކަމަށެވެ. ހޮންޝޫ ޖަޒީރާގެ ގިނަ ސިޓީތަކާއި ވިލެޖްތަކުގައި ފެންބޮޑުވެފައިވާއިރު ބައެއް ސަރަޙައްދުތަކުގައި އިސްކޮޅަށްވުރެ މައްޗަށް ފެންބޮޑުވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ރިޕޯޓުތައް ދައްކާގޮތުން ގާތްގަނޑަކަށް 400،000 ގެއިންވަނީ ކަރަންޓްވެސް ކެނޑިފައެވެ.

ހަގިބިސް، ޖަޕާނުގެ ހޮންޝޫއަށް އެރިއިރު އެ ތޫފާނުގެ ވައި ހުރިކަމަށްވަނީ ގަޑިއަކު 144 ކިލޯމީޓަރުގެ ބާރުމިނުގައެވެ. ތޫފާން ހަގިބިސްގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންލިބުނު ސިޓީތަކުގެ ތެރޭގައި ނަގަނޯއާއި ޓޯކްޔޯ ހިމެނެއެވެ. ނަގަނޯގެ ކޯރުތައް ފުރި ބަންޑުންވުމުގެ ސަބަބުން އެ ސިޓީގެ ގިނަ ގެތަކުގެ 2ވަނަ ފަންގިފިލާއާ ހަމައަށް ފެން ބޮޑުވެފައިވޭ.
އަދި ޓޯކްޔޯގެ އެތައް ސަރަޙައްދެއްގައިވެސް ވަނީ ފެންބޮޑުވެފައިވެއެވެ

ގިނަ ސަރަޙައްދުތަކުގައި އާދަޔާ ޚިލާފަށް ފެންބޮޑުވީ ތޫފާނުގައި ރިކޯޑް މިންވަރަކަށް ވާރޭ ވެހުމުގެ އިތުރުން އެ ސަރަޙައްދުތަކުގައިވާ ފެން ހިންދާ ނިޒާމުތަކަށްވެސް މައްސަލަތައް ދިމާވެފައިވުމުގެ ސަބަބުންކަމަށް ޖަޕާނުގެ ދަޢުލަތުގެ މީޑިއާއިން ބުނެއެވެ. ފެންބޮޑުވެފައިވާ ސިޓީތަކާއި އަވަށްތަކާއި ވިލެޖްތަކުގައި ޙާލުގައިޖެހިފައިވާ މީހުން ސަލާމަތްކުރުމަށާއި، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަޕާނުގެ ސިފައިންގެ ލަޝްކަރުތައްކަމަށްވާ ސެލްފް ޑިފެންސް ފޯސްގެ 27،000 ސިފައިންދަނީ ޙަރަކާތްތެރިވަމުންނެވެ.

ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ އާދިއްތަ ދުވަހު ހަގިބިސްގެ ބާރު ކުޑަވާން ފަށާފައިވީނަމަވެސް ޖަޕާނުގެ އެންމެ ބޮޑު ޖަޒީރާކަމަށްވާ ހޮންޝޫ ހުރަސްކޮށް ހޮނިހިރު ދުވަހު ހަގިބިސް ދަތުރުކުރިއިރު އެ ތޫފާނުގެ ބާރުގަދަ ކަމުން އެތައް ސަރަޙައްދެއްގައި ފެންބޮޑުވެ ،މާއްދީ ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށެވެ.

ހަގިބިސްއަކީ ފަހުގެ ތާރީޚެއްގައި ޖަޕާނަށް އެރި އެންމެ ބާރުގަދަ ތޫފާންކަމަށް އެ ޤައުމުގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ. ހޮނިހިރު ދުވަހު ޖަޕާންގެ ހޮންޝޫއަށް ހަގިބިސް އެރުމުގެ ކުރިން ރައްކާތެރި ސަރަޙައްދުތަކަށް ދިއުމަށް ގާތްގަނޑަކަށް 6 މިލިއަން މީހުންނަށް އަންގާފައިވެއެވެ.