ޚަބަރު

ތުރުކީވިލާތުން ހިންގާ ޢަސްކަރީ ޙަރަކާތާއިމެދު ސޫރިޔާގެ ރައްޔިތުން ނުރުހޭ!


ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ދިރިއުޅެމުންދާ އެ ޤައުމުގެ ރައްޔިތުން ތުރުކީވިލާތުން އެ ޤައުމުގައި މިހާރު ހިންގަމުންދާ އަސްކަރީ ޙަރަކާތް ކުށްވެރިކޮށްފިއެވެ.

ދިމިޝްޤުގެ ރައްޔިތުން ބުނަމުންދަނީ ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ސޫރިޔާއާއި ދެކޮޅަށް ހިންގަމުންދާ ޢުދުވާނުގެ ސަބަބުން ގިނައިން މަރުވަމުންދާނީ ޢާއްމު ރައްޔިތުންކަމަށެވެ. ސޫރިޔާގެ އުތުރަށް ތުރުކީވިލާތުގެ ސިފައިން އެރީ ކުރުދީ ހަނގުރާމަވެރިން ފަހަތައްޖައްސައި، އެ ސަރަޙައްދު އަމާންތަނަކަށް ހަދަންކަމަށް ބުނެއެވެ.

ތުރުކީ ސިފައިން އެއްގަމާ ވައިގެ މަގުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެ ހިސާބުގެ ރަށެއްކަމަށްވާ ރަސްއުލްޢައިންގެ ރައްތިޔުން އެ ރަށް ދޫކޮށްވަނީ ގޮސްފައެވެ. މިހެންކަމާއެކު އެ ރަށް މިހާރުވަނީ ތުރުކީ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ކުރުދީންގެ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް)ގެ ފަރާތުން ބުނެފައިވަނީ ތުރުކީ ލަޝްކަރުން ދިން ޙަމަލާތަކުގައި ޢާއްމު ރައްޔިތުންގެ ފަސްމީހުންނާއި ހަނގުރާމަވެރިންގެ ތިން މީހުން މަރުވިކަމަށެވެ މީގެ އިތުރުން ގިނަ ޢަދަދެއްގެ ޢާއްމު ރައްޔިތުން ޒަޚަމްވެފައިވާކަމަށްވެސް އެސްޑީއެފްގެ ފަރާތުން ބުނެއެވެ. ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެފައިވަނީ ހަނގުރާމައިގައި މިހާތަނަށް 109 ކުރުދީ ހަނގުރާމަވެރިން މަރާލެވިފައިވާކަމަށެވެ.

ރޮއިޓަރސުން ބުނެފައިވަނީ ތުރުކީގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ބޯޑަރާއި 18 ކިލޯމީޓަރު ދުރުމިނުގައިވާ ތަލްއަބްޔާދުގެ ރަށްބޭރަށް ބޮން އަޅާފައިވާކަމަށެވެ. އައިއެސްއާއި ހަނގުރާމަކުރަމުން ދިޔަ ކުރުދީންނަށް އެހީތެރިވުމަށް ސޫރިޔާގައި ތިބި އެމެރިކާ ސިފައިން އުތުރުގެ ހިސާބުތަކުން ގެންގޮސްފައިވާތީ ކުރުދީންވަނީ ވަރަށް ނުރުހިފައެވެ.

ސޫރިޔާގެ ރައްޔިތުން ބުނަމުންދަނީ ކުރިންވެސް ކުރުދީންނާ އެމެރިކާއާއި ދެމެދު މާ ބޮޑު އިތުބާރެއް ޤާއިމުކުރެވިފައިނުވާކަމަށެވެ.