ޚަބަރު

ޓޯކިޔޯއަށް އެރި ބާރުގަދަ ތޫފާނެއްގައި 2 މީހުން މަރުވެ 60 މީހުން ޒަޚަމްވެއްޖެ


ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް އެރި ބާރުގަދަ ތޫފާނެއްގެ ސަބަބުން ދެ މީހުން މަރުވެ ފަސްދޮޅަސް މީހުން ޒަޚަމްވެއްޖެއެވެ.

ހަގިބިސްގެ ނަމުން ނަންދީފައިވާ އެ ތޫފާން ހޮނިހިރު ދުވަހު ހަވީރު އަރާފައިވަނީ ޖަޕާނުގެ އެންމެ ބޮޑުޖަޒީރާ ކަމަށްވާ ހޮންޝޫއަށެވެ. ޖަޕާން ސަރުކާރުންވަނީ ރައްކާތެރި ތަންތަނަށް ބަދަލުވުމަށް އެ ތޫފާން އަރާނެކަމަށް ބެލެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ ހަ މިލިޔަން މީހުންނަށް އިލްތިމާސްކޮށްފައެވެ.

ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނީ ހަގިބިސް ތޫފާނަކީ މިދިޔަ 60 އަހަރު ތެރޭގައި އެ ޤައުމަށް ނާރާވަރުގެ ބާރުގަދަ ތޫފާނަކަށް ވެގެންދިޔުމުގެ ބިރު އެބައޮތްކަމަށެވެ.

ހަގިބިސްގެ ސަބަބުން ފާއިތުވި 24 ގަޑިއިރު ހުއްޓުމެއްނެތި ޓޯކިޔޯއާއި އެ ސިޓީ ކައިރީގައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު ޓޯކިޔޯގައިވަނީ ފެންބޮޑުވެފައެވެ. އަދި ކޯރުތައް ފުރި ބަންޑުންވާ ހިސާބަށް ގޮސްފައިވާތީ ޓޯކިޔޯއާއި އެ ސިޓީގެ ވަށައިގެންވާ ސަރަޙައްދުތައް ޣަރަޤުވާ ހިސާބަށް ފެންބޮޑުވެދާނެކަމުގެ ބިރުވެސްވަނީ ހީވެފައެވެ.

ޖަޕާނުގެ މޫސުމާބެހޭ އިދާރާއިންވަނީ ޓޯކިޔޯ ހިމެނޭގޮތަށް އެ ޤައުމުގެ 12 ސަރަޙައްދަކަށް ނުރައްކަލުގެ އިންޒާރު ނެރެފައެވެ.