ޤުދުރަތީ މުއްސަނދިކަމެއް ލިބިފައިވާ ފުވައްމުލަކާ ބެހޭގޮތުން އެންމެބޮޑު ޙައިރާން ކަމެއް ގެނުވާ އެއް ވާހަކައަކީ އެރަށުގެ ބިއްސާވެލީގެ ވާހަކައެވެ.
ވަކި މޫސުމެއްގައި އެރަށު ތުނޑިއާދިމާއިން ފަޅުތެރޭގައި މެދަށް ލޮނުގަނޑެއް އޮވެފައި ވަށައިގެން ވެލީގެ ތޮށްޓެއް ލެވޭގޮތަށް ޤުދުރަތީ ގޮތުން އުފެދޭ މި ބިއްސާ ވެއްޔާމެދު މިތަން ފެންނަމީހުން ޙައިރާންވެ އަންތަރީސް ވެގެންދެއެވެ.
މިއީ މިކަމުގެ މާބޮޑު ޙަޤީގަތެއް ސައިންސް ވެރިންނަށްވެސް ހޯދިފައިވާ ކަމެއް ނޫނެވެ. ނަމަވެސް މިތަނާ ބެހޭގޮތުން ބައެއް ދިރާސާތައް ކޮށްފައިވާކަމަށް އެރަށުގައި ގިނަ ދުވަސްތަކެއް ވަންދެން ކަތީބު ކަން ކުރެއްވި ޢަދުނާނު އިބްރާމް ދީދީ ވިދާޅުވިއެވެ. ޢަދުނާނު ވިދާޅުވީ މި ދިރާސާއިން ފާހަގަ ވެގެން ދިޔައީ މިއީ މޫސުމަށް އަންނަ ބަދަލަކާ ގުޅިގެން ދިމާވާ ކަމެއްކަމަށަވެ . އަދި ބޮޑަށް ފާހަނގަވަނީ ބިއްސާވެއްޔާއި މިފަދަ އުސްވެލިގަނޑު އުފެދެނީ ދެމޫސުމް ބެދޭ ދުވަސް ވަރާ ދިމާކޮށް ކަމަށެވެ.
"މިވާގޮތަކީ ތުނޑިއާ ދިމާއަށް ރަށުގެ ދެފަރާތުން އޮއިވަރާއެކު އެދިމާއަށް ވެލި ޖަމާ ވަނީ. އަދި އޮއިވަރުގެ ބާރުމިނުގައި ވެލި ދައުރުވަމުން ދައުރުވަމުން ގޮސް ލައްގާވެލި ހުންނަނީ ވަރަށް އޮފްކޮށް. އިހަށްދުވަހު ލައްގާފައިވާ ކަހަލަ ވެލިގަނޑު ގަނޑު މީގެ ކުރިން ވެސް ލައްގާފައި އެބަހުރި. އެކަމަކު މިއީ އަޅުގަނޑުމެންގެ ހަނަދާނުގައި މިހާ އުސްކޮށް މިކަހަލަ ވެލިގަނޑެއް ލެއްގި ފުރަތަމަ ފަހަރު." ޢަދުނާން އިބްރާހިމްދީދީ ވިދާޅުވިއެވެ.
ފުވައްމުލަކުގެ ތަޖްރިބާ ކާރުން ބުނަމުން ދަނީ މިދުވަސްވަރު ލައްގައިގެން އުޅޭ އުސް ވެލިގަނޑަކީވެސް ބިއްސާވެއްޔެއްގެ ޢަލާމާތް ކަމަށް ލަފާ ކުރެވޭކަމަށެވެ. ފުވައްމުލަކުގައި 3 ގޮތަކަށް ބިއްސާވެލި އުފެދެއެވެ. އެއީ އެރަށުމީހުން ކިޔައި އުޅޭ ގޮތުން ނަމަ ކަނޑު ބިއްސާވެއްޔާއި، ފަރު ބިއްސާވެއްޔާއި، ވެލި ބިއްސާވެއްޔެވެ.
މީގެތެރެއިން ޢާއްމުން އެންމެ ސަމާލުކަން ދެންޖެހޭ ބިއްސާވެއްޔަކީ ކަނޑު ބިއްސާވެއްޔެވެ. އެއީ މިބިއްސާވެއްޔަކީ ފަޅުތެރޭގެ ފުން ހިސާބެއްގައި މަހާ އެކު ލޮނު ގަނޑެއް ހެން ވަށައިގެން ދޮންވެލީގެ ތޮށްޓެއް ލެވިފައިވާ ގޮތަށް އުފެދޭ ބިއްސާވެއްޔެކެވެ. މޫދާވެސް ގުޅިފައިވާ ގޮތަށް އުފެދޭ ތަނަކަށްވާތީ މަސް ހިފުމަށާ މޫދަށް އެރި އުޅޭގޮތަށް މިތަނަށްފޭބުމަކީ ނުރައްކާ ތެރިކަމެއްކަމަށް އެރަށުގެ ދުވަސްވީ މީހުން ލަފާ ދެއެވެ. އެއީ ކޮންމެ ފަދަ ވަގުތެއްގައިވެސް މިބިއްސާވެލި ގިރައިގެން ހިގައިދާނެތީއެވެ. އެޙާލަތުގައި މިތަން ވެގެންދަނީ މޫދުގެ އިސްކޮޅުނުޖެހޭ ހިސާބު ފުން ސަރަޙައްދަކަށެވެ.
ފުވައްމުލަކު ތުނޑީގެ މި މަންޒަރު ބަލަން ފަތުރުވެރިން އެތަނަށް ޒިޔާރަތް ކުރަމުން ދެއެވެ. އަދި އެރަށުންވެސް ގިނަ ޢަދައެއްގެ މީހުން ތުނޑިއަށް ޒިޔާރަތް ކުރަމުން ދެއެވެ. ދުވާލަކު 1000 ހާމީހުން ޒިޔާރަތް ކުރާ މިތުނޑިއަކީ އަޖާއިބުތަކެއް އެކުލެވިފައިވާ އަދި ހިތްގައިމު މާޙައުލެކެވެ.