ވިޔަފާރި

އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު 30 ރިސޯޓްގެ ތެރޭގައި ރާއްޖޭގެ 22 ރިސޯޓެއް


އިނގިރޭސިވިލާތުގެ މަޝްހޫރު ކޮންޑެނާސްޓް ޓްރެވަލާސް މަޖައްލާއިން ހޮވާ އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު 30 ރިސޯޓްގެ ތެރޭގައި ރާއްޖޭގެ 22 ރިސޯޓެއް ހިމެނިއްޖެއެވެ.

ކޮންޑެނާސްޓްއިން "ރީޑާސް ޗޮއިސް އެވޯޑް"ގައި މިފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަ ސަތޭކަ ހާހަށްވުރެ ގިނަ މީހުން ވޯޓް ދީފައިވާކަމަށް އެމަޖައްލާއިން ބުނެއެވެ.

މިފަހަރުގެ އެވޯޑްގައި އިންޑިއާ ކަނޑުގައި އޮޕަރޭޓްކުރަމުން އަންނަ އެންމެ ރަނގަޅު 30 ރިސޯޓްގެ ތެރޭގައި ރާއްޖޭގެ 22 ރިސޯޓެއް ހިމެނިފައިވާއިރު، މިލިސްޓުގެ ގަދަ 10 ގައިވެސް ހިމެނެނީ ހުސް ރާއްޖޭގެ ރިސޯޓްތަކެވެ. ލިސްޓުގެ އެއްވަނަ ލިބިފައިވަނީ އަންނަންތަރާ ބްރޭންޑުގެ ދަށުން މާލެ އަތޮޅުގައި ހިންގާ ނަލަދޫ ޕްރައިވެޓް އައިލެންޑް ރިސޯޓަށެވެ. މިއީ މިއެވޯޑް އެރިސޯޓުން ވިދިވިދިގެން ހޯދި 3 ވަނަ ފަހަރެވެ.

ކޮންޑެނާސްޓް "ރީޑާސް ޗޮއިސް އެވޯޑް"ގެ 2 ވަނަ ލިބިފައިވަނީ މަޝްހޫރު ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓަށެވެ. 3 ވަނަ ލިބިފައިވަނީ ތާޖް އެކްސޯޓިކާ ރިސޯޓް އެންޑް ސްޕާއަށެވެ. 4 ވަނަ އަންނަންތަރާ ވެލި މޯލްޑިވްސް ރިސޯޓަށް ލިބިފައިވާއިރު، 5 ވަނަ ލިބިފައިވަނީ ޗެވަލް ބްލަންކް ރަންދެލި ރިސޯޓަށެވެ.

މިލިސްޓުގައި ހިމެނޭ ރާއްޖޭގެ އެހެން ރިސޯޓްތަކަކީ،

  • އަންނަންތަރާ ކިހާވަށް
  • ސޮނޭވާ ފުށި
  • ނިޔާމަ ޕްރައިވެޓް އައިލެންޑްސް
  • ޖޮއާލި
  • ވަން އެންޑް އޮންލީ ރީތި ރަށް
  • ކޮންރަޑް މޯލްޑިވްސް ރަންގަލި
  • ފޯރ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ
  • އަނަންތަރާ ދިގު
  • ސޮނޭވާ ޖަނި
  • ފޯރ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ލަނޑާގިރާވަރު
  • ދަ ސެއިންޓް ރެޖީސް މޯލްޑީވްސް ވޮށްމުލި ރިސޯޓް
  • ކޮންސްޓަންސް ހަލަވެލި
  • ކޮންސްޓަންސް މޫފުށި
  • ކޯމޯ މާލިފުށި
  • ކޯމޯ ކޮކޯ އައިލެންޑް
  • ބަރޮސް މޯލްޑިވްސް
  • ލަކްސް ނޯތު މާލެ އެޓޮލް

ކޮންޑެނާސްޓް ޓްރެވަލާސް މަޖައްލާއިން ހޮވާ ރީޑާސް ޗޮއިސް އެވޯޑްސްއަކީ 1998 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މިފަހަރުގެ އެވޯޑުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަ ސަތޭކަ ހާހަށްވުރެ ގިނަ މީހުން ވޯޓު ދީފައިވާކަމަށް އެމަޖައްލާއިން ބުނެއެވެ. މިއެވޯޑުގައި އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ރިސޯޓްތަކުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އަންނަ އެންމެ ރަނގަޅު ރިސޯޓްތަކާއި ހޮޓާތަކާއި، ޓުއަރ އޮޕަރޭޓަރުން، އަދި އެއަރލައިންތަކާއި އެއަރޕޯޓްތައް ހޮވައެވެ.