ބަންގްލަދޭޝްގައި ބާއްވާ ޝެއިޚް ކަމާލް އިންޓަރނޭޝެނަލް ކްލަބް ކަޕުގެ ގުރު ނަގައިފިއެވެ.
މިމަހުގެ 19 އިން 29 ގެ ނިޔަލަށް ބަންގްލަދޭޝްގެ ޗިޓަގޮންގުގައި ކުރިޔަށްގެންދާ މި މުބާރާތުގައި 5 ޤައުމަކުން 8 ޓީމު ވާދަކުރާނެއެވެ. އެގޮތުން ބަންގްލަދޭޝްގައި އިއްޔެ ކުރިޔަށްގެންދިޔަ ގުރުނެގުމުގެ ރަސްމީޔާތުގައި މި 8 ޓީމު ވަނީ 2 ގްރޫޕަކަށް ބަހާލާފައެވެ.
ގްރޫޕް އޭގައި ހިމެނެނީ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި، އިންޑިއާގެ މޯހަން ބަގާން، ލާއޯސްގެ ޔަންގް އިލެފެންޓްގެ އިތުރުން ބަންގްލަދޭޝްގެ ޗިޓަގޮންގް އަބަހާނީއެވެ.
ގްރޫޕް ބީގައި ހިމެނޭ ޓީމުތަކަކީ ބަންގްލަދޭޝްގެ ބަޝަންދުރަ ކިންގްސް، ޑާކާ އަބަހާނީ އަދި އިންޑިއާގެ ޗެންނާއި ސިޓީގެ އިތުރުން މެލޭޝިއާގެ ސުޕަރ ލީގުގެ ޓީމެއް ކަމަށްވާ ޓެރެންގަނޫ އެފްސީއެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ 2 ޓީމެއެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި މުބާރާތް ފެށި އަހަރު ކަމަށްވާ 2015 ގައި ޗެމްޕިއަންކަން ހޯދީ އިންޑިއާގެ އީސްޓް ބެންގާލް ބަލިކޮށް ބަންގްލަދޭޝްގެ ޗިޓަގޮންގް އަބަހާނީ ލިމިޓެޑެވެ. ޓީސީން ޗެމްޕިއަންކަން ހޯދީ 2017 ވަނަ އަހަރު ދެކުނު ކޮރެއާގެ އެފްސީ ޕޮޗެއޮން ބަލިކުރުމަށް ފަހު އެވެ.
އޭގެ ފަހުން އެ ކްލަބުން މިދިޔަ އަހަރު ރާއްޖޭގެ ޗެމްޕިއަންކަން ހޯދި ނަމަވެސް މި އަހަރު ޓީމު އޮތީ ބަދަލުވެފަ އެވެ. އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) އާއި ނާއިޒް ހަސަން (ދާދު) ފަދަ ކުޅުންތެރިން ކްލަބް ދޫކޮށްލާފައިވާއިރު، ތަޖުރިބާކާރު ކީޕަރ މުހައްމަދު އިމްރާންވެސް ވަނީ ދާދިފަހުން ޓީސީއަށް ކުޅުން ހުއްޓާލިކަން އިޢުލާންކޮށްފަެވެ. އަދި ޓީސީގެ ކޯޗު ކަމުގެ މަޤާމުގައި ހުރި މުހައްމަދު އާތިފް (އާތީ) ވެސް ވަނީ މިދިޔަ މަހު އެ މަޤާމުން އިސްތިޢުފާ ދީފައެވެ.