ސިޔާސީ

ސިޔާސީ ލީޑަރުން ތިއްބެވީ އަމިއްލަ ޤައުމުގައި އަޅުވެތިވެ ބަހެއް ބުނަން ނުކެރިފައި - ރައީސް ޔާމީން


ސަރުކާރުގައި ތިއްބެވި ސިޔާސީ ލީޑަރުން ތިއްބެވީ ރައްޔިތުންގެ ހައްޤުގައި ބަހެއް ބުނަންނޭނގި އަމިއްލަ ޤައުމުގައި އަޅުވެތިވެފައިކަމަށް ވިދާޅުވެ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސިޔާސީ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ކާނިވާ ސަރަޙައްދުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން "އަންނަނީ އަންނަނީ" ނަމުގައި ބޭއްވި ސިޔާސީ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ، ގޯހުން ގޯހަށް ސަރުކާރުން ކަންކަން ކުރަމުން އަންނައިރުވެސް އަދި އިސްލާމް ދީނަށް ފާޅުގައި ފުރައްސާރަ ކުރަމުން އަންނައިރުވެސް ސިޔާސީ ލީޑަރުން ރައްޔިތުންގެ ހައްޤުގައި ބަހެ ވިދާޅުވަން ނޭނގި ހަނުހުރުމުގެ ހައްޤު ބޭނުންކޮށްގެން ތިއްބަވަނީކަމަށެވެ. މީގެކުރިން ސިޔާސީ ލީޑަރުންނަށް ހެދޭ ގޯސްތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށާ، ނަމަވެސް މިއަދު އެ ސިޔާސީ ލީޑަރުންގެ ފަރާތުން އެސިފަ ނުފެންނަކަމަށާ، ތިއްބެވީ އަމިއްލަ ޤައުމުގައި އަޅުވެތިކަމުގައިކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"ސިޔާސީ ލީޑަރުން ބިރުވެތިކަމުގައި ތިބޭއިރު މިނިވަން މުއައްސަސާތައް ތިބޭނީ ކިހާ ބިރުވެރިކަމެއްގައިތޯ. މުސްތަޤިއްލު ތަނެއްގެގޮތުގައި އޮންނަންޖެހޭނީ ޖުޑީޝަރީ. އަދުލް އިންސާފްގެ ދާއިރާ. ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ތަނެއް. ސަރުކާރަކީ ސިޔާސީ ތަނެއް. ނަމަވެސް އަދުލް އިންސާފްގެ ކަންފަތުގައި ހިފާފަ އެ ތަނުގައި ކަތުރު ފަނިއެޅުވަނީ އެ ކޮންބައެއް. އެމީހުން އެ ތިބީ ސަރުކާރު ހިންގާ ޕާޓީއާއެކު. އެހެންވީމަ ރައްޔިތުން ކިބައިން މާފަށް އެދޭކަށް ނުކެރޭ. ޤާނޫނު އަސާސީން ލިބިދޭ ހަނުހުރުން އިހުތިޔާރުކޮށްގެން އެތިބީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރުގެ އެޖެންޑާ ނަވާރައަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ އެޖެންޑާ ނަވާރައަކީ ދޮގުހެދުމާއި އޮޅުވާލުމާއި ނާގާބިލްކަންކަމަށެވެ. އެޖެންޑާ 19 އަކީ ސަރުކާރުގެ ނާގާބިލްކަން ފޮރުވުމަށް ދައްކާ ބަހަނާއެއްކަމަށް ސިފަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ސަރުކާރަށް އެއްއަހަރު ފުރޭއިރު އެއްވެސް މަޝްރޫޢެއް ނުފެންނަކަމަށެވެ.

"އެއަރޯޓް ނިމުނީމަ މިބުނީ ވަޢުދު ފުއްދުނީއޭ. ރިސޯޓްތައް ހުޅުވަން ގޮއްސަ މިބުނަނީ ވަޢުދު ފުއްދުނީއޭ. މިއީ އޮޅުވާލުން." ރައީސް ޔާމީން ވިދާޅުވިއެވެ.

މިއަހަރު ފާސްކުރި ދެބަޖެޓްވެސް ހުސްކޮށްލީކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، ބަޖެޓާ އެއްގޮތަށް އަމަލުކުރަން ސަރުކާރަށް ނޭގޭކަމަށާ، ބޭރުން އެހީ ހޯދަންވެސް ނޭނގޭކަމަށެވެ. މޯލްޑިވިއަން ޑޮމޮކްރަސީ ނެޓްވޯކުން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅޭ ގޮތުން ޔާމީން ވިދާޅުވީ، ފުރަތަމަ ޖެހޭނީ އެޖަމްޢިއްޔާ ސަސްޕެންޑް ކުރަންނޫންކަމަށާއި، އުވާލަންކަމަށެވެ. އަދި އެއަށްފަހު އެޖަމްޢިއްޔާގެ ވެރިންނަށް ފިޔަވަޅު އަޅަންޖެހޭކަމަށާއި، ނަމަވެސް އެ މައްސަލާގައިވެސް ފިޔަވަޅު އަޅަންނުކެރި ސަރުކާރުގެ ނާޤާބިލްކަން ފެންނަކަމަށް ވިދާޅުވެ ރައީސް ޔާމީންވަނީ ވަރަށްބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.