ޚަބަރު

ކުރިއަށް އޮތް ދެދުވަހުވެސް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ - މެޓް


ކުރިއަށް އޮތް ދެދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

އެ އިދާރާއިން ވިދާޅުވީ، މިރޭ މިންދަމު ތ.އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި އެހެން ހިސާބުތަކަށްވެސް ވިއްސާރަކުރުމަކީ އެކަށީގެންވާކަމެއްކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. ހުރިހާ ހިސާބަކަށްވެސް ވައި މަޑުވާނެކަމަށާއި ކަނޑުތައްވެސް އާދައިގެވަރަކަށް މަޑުވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

އެގޮތުން ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާ، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނެއްގައި، ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް ދެދުވަހުގެ ރާއްޖޭގެ ހުރިހާ ހިސަބަކަށްވެސް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށާ، ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ.