ޚަބަރު

40 އަހަރަށްފަހު އީރާނުގެ އަންހެނުންނަށް ފުޓްބޯޅަ މެޗެއް ބަލައިލުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް!


4 އަހަރަށްފަހު އީރާނުގެ އަންހެނުންނަށް ފުޓުބޯޅަ މެޗެއް ބަލައިލުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ލިބިއްޖެއެވެ. މި ހުއްދައާއެކު، ޓިކެޓު ގަނެގެން ވެރިރަށް ތެހެރާންގެ އެންމެ ބޮޑު ސްޓޭޑިއަމަށް ގިނަ ޢަދަދެއްގެ އަންހެނުންވަނީ ގޮސްފައެވެ.

އީރާނަށް 1979ވަނަ އަހަރު ގެނެވުނު އިންޤިލާބަށްފަހު އެ ޤައުމުގެ އަންހެނުން، ފިރިހެނުން ފުޓުބޯޅަ ކުޅޭތަން ބަލަން ސްޓޭޑިއަމަށް ވަނުންވަނީ މަނާކޮށްފައެވެ. ނަމަވެސް މިފަހަކަށް އައިސް ބައެއް މަދު ޙާލަތްތަކުގައި ކޮންމެވެސް ވަރަކަށް އަންހެނުންނަށް އެ ފުރުޞަތުދޭންވަނީ ފަށާފައެވެ.

އީރާނުން އަންހެނުން ފުޓުބޯޅައިގެ ކުޅިވަރު މައިދާނަށް ވަނުމުގެ ހުއްދަދޭން މި ނިންމީ ދުނިޔޭގެ ފުޓްބޯޅަ ޖަމުޢިއްޔާ ފީފާގެ ފިއްތުންތަކުގެ ސަބަބުންނެވެ. މީގެ އިތުރުން އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ފަރުދުންނާއި ޖަމިއްޔާތަކުގެ ދައުރެއްވެސް މިކަމުގައިވާކަމަށްވަނީ ބެލެވިފައެވެ. މިފަހަރު މި ހުއްދަ ލިބުމާއެކު އަންހެނުންނަށް 3000 ޓިކެޓްވަނީ ޚާއްޞަކޮށްފައެވެ.

އަދި އީރާނުން ކެމްބޯޑިއާއާއި ދެކޮޅަށް ކުޅޭ ވަރލްޑްކަޕް އޭޝިއާ ކޮލިފައިން މެޗު ބަލަން ގިނަ ޢަދަދެއްގެ އަންހެނުންވަނީ އާޒާދީ ސްޓޭޑިއަމަށް ވަދެފައެވެ. އަންހެނުން ސްޑޭޑިއަމަށް ދިޔަޔަސް އެމީހުން ތިބެންޖެހެނީ ފިރިހެނުންނާ ވަކިންނެވެ. މިހެންވެ އަންހެނުންނަށް އެމީހުންގެ އާއިލާގެ ފިރިހެނުން ގާތު ތިބެގެން މެޗް ބަލައިލުމުގެ ފުރުޞަތު ނެތްކަމަށް ބުނެ، ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.