އެމެރިކާގައި މިހާރު ފެންމަތިވެފައިވާ ޔޫކްރެއިންގެ މައްސަލައާއި ގުޅުންހުރިކަމަށް ބެލެވޭ ޕްލޮރިޑާގެ 2 ވިޔަފާރިވެރިއަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރެވުނު 2 މީހުންނަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޤާނޫނީ ވަކީލު ރޫޑީ ޖިއުލިއާނީއާއި ގުޅުންހުރި ބައެކެވެ. އެމީހުން ހައްޔަރުކުރެވުނީ އެމެރިކާގެ ސިޔާސީ މަޤާމުތަކަށް ވާދަކުރައްވާ ކެނޑިޑޭޓުންނަށް ބޭރު ޤައުމުތަކުން ފައިސާ ހޯދަދޭން ރާވާކަމަށް ޝައްކުކުރެވޭތީ އެކަމުގެ ކުށުގައެވެ.
މެންހަޓަންގައި ހުންނަ އެމެރިކާގެ އެޓަރނީ އޮފީހުން މަޢުލޫމާތު ދިން ތަރުޖަމާނު ބުނެފައިވަނީ ބޭރު ޤައުމަކަށް އުފަން، ދެ ވިޔަފާރިވެރިން ކަމުގައިވާ ލެވް ޕަރުނާސްއާއި އިގޯ ފްރޫމަން ހައްޔަރުކޮށްފައިވާކަމަށެވެ. އެމީހުން ހައްޔަރުކުރީ ނިއުޔޯކްގައި މިހާރު ހިނގަމުންދާ ކެމްޕެއިނަށް ފައިސާ ޚަރަދުކުރުމުގެ ޤާނޫނީ މައްސަލައިގެ ދަށުންކަމަށް ތަރުޖަމާނުވަނީ ބުނެފައެވެ.
ބެލަރުސްއަށް އުފަން އެ ދެމީހުން ދާދި އަވަހަށް ވަރޖިނިޔާގެ ފެޑެރަލް ކޯޓަށް ހާޒިރުކޮށް މައްސަލަ ބަލަން ފެށާނެކަމަށް ވޯލް ސްޓްރީޓް ޖަރނަލްއިން ބުނެފައިވެއެވެ ޔޫކްރެއިންގެ މަތީ ފަންތީގެ ސިޔާސީ ބޭފުޅުންނާ ޓްރަމްޕްގެ ޤާނޫނީ ވަކީލު ޖިއުލިއާނީ ގުޅުވައިދިނީ މި ދެމީހުންކަމަށް ބައެއް މީޑިއާތަނުން ބުނެފައިވެއެވެ. މި ދެމީހުން ހައްޔަރުކުރުމުން ޓްރަމްޕް މަޤާމުން ދުރުކުރުމަށް ޑިމޮކްރެޓުން ހިންގަންއުޅޭ ޝަރީޢަތަށް ފަހިކަމެއް ލިބިގެންދާނެކަމަށްވަނީ ބެލެވިފައެވެ.
ޓްރަމްޕް މިދިޔަ ޖުލައިމަހު ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް ކުރެއްވި ފޯނު ކޯލެއްގައި ޓްރަމްޕްއާއި ސިޔާސީގޮތުން ވާދަވެރި ޖޯ ބައިޑަންގެ ވިޔަފާރީގެ މުޢާމަލާތުތަކެއް ތަޙުޤީޤުކޮށްދޭން އެދިވަޑައިގެންނެވިކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ޓްރަމްޕްގެ މައްޗަށް ޝަރީޢަތް ހިންގައި މަޤާމުން ދުރުކުރުމަށް ޑިމޮކްރެޓުން ދަނީ މަސައްކަތްކުރަމުންނެވެ.